އަންނަ ޖެނުއަރީ 8 އިން ފެށިގެން ޗައިނާ އާންމުކޮށް ހުޅުވާލުމަށް އެގައުމުގެ ސަރުކާރުން ނިންމުމާއެކު، ޗައިނާގެ ރައްޔިތުން ދަތުރު ކުރާ މަންޒިލްތަކުން ތައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައި މި ދަނޑިވަޅުގައި އެމެރިކާއިން ވެސް އެފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން ބުނީ، ޗައިނާ އާންމުކޮށް ހުޅުވާލާ އިރު ޗައިނާގައި އޮމިކްރޯންގެ ވޭރިއަންޓް ބީއެފް7 ބާރަށް ފެތުރެމުން ދާ ކަމަށާއި ޗައިނާގެ ހިސާބުތައް ބުނާގޮތުން ދުވާލެއްގެ މައްޗަށް މިހާރުވެސް 5000 މީހުން ޕޮޒިޓިވް ވަމުން ދާ ކަމަށެވެ. އަދި އެ އަދަދުތައް ކިޔަނީ މަދުން ކަމަށް ތުހުމަތު ކޮށް ސިއްހީ މާހިރުން ބުނެފައި ވަނީ ޗައިނާގައި ދުވާލެއްގެ މައްޗަށް މިލިއަނެއްހާ މީހުން ޕޮޒިޓިވް ވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޗައިނާއިން ވަނީ އެގައުމުގެ ބޯޑަރުތައް އާންމުކޮށް ހުޅުވާލައި އަންނަ ޖެނުއަރީ މަހުގެ 8 އިން ފެށިގެން ކަނޑައެޅޭ އަދަދުތަކަކަށް ފްލައިޓްތައް ބާއްވަން ނިންމާފައެވެ. އެއާއެކު 3 އަހަރު ވާންދެން ލޮކްޑައުންގައި ތިބި އެގައުމުގެ ރައްޔިތުން ދުނިޔޭގެ އެތަން މިތަނަށް ދަތުރު ކުރުމަށް ޓިކެޓް ނެގުމުގައި އަވަސްވެގަންފައި ވާ އިރު، އެމެރިކާއިން ބުނީ، އަންނަ ޖެނުއަރީ 5 އިން ފެށިގެން އެގައުމަށް އެތެރެވާ ޗައިނާ، ހޮންގް ކޮންގ، މަކާއޯ މީހުން 48 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނުވަތަ އެންޓިޖެން ޓެސްޓެއްގެ ނަތީޖަ ގެންދަން ޖެހޭނެ ކަމަށެވެ.

އެމެރިކާގެ އިތުރުން، އިޓަލީ، ޖަޕާން، ޓައިވާން އަދި އިންޑިއާއިން ވެސް ވަނީ މިފިޔަވަޅު އަލާފައެވެ. ނަމަވެސް އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުން ބުނީ، ޗައިނާއިން އަންނަ ފަތުރުވެރިންނަށް އިތުރު ފިޔަވަޅެއް މިވަގުތު ނާޅާނެ ކަމަށެވެ.