ނިމިގެން ދިޔަ ގަތަރު ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދެއްކި ނެދެލޭންޑްސްގެ ފޯވަޑް ކޯޑީ ގެކްޕޯ ލިވަޕޫލާ ގުޅިއްޖެއެވެ.

އުމުރުން 23 އަހަރުގެ ގެކްޕޯ ލިވަޕޫލާ ގުޅުނީ ނެދަލޭންޑްސްގެ ޕީއެސްވީ އައިންޑްހޯވަންއިންނެވެ. ޕީއެސްވީން ވެސް މިކަން މިހާރު ކަށަވަރުކޮށް ދީފައިވާ އިރު އޭނާ ލިވަޕޫލަށް ވިއްކާލާފައިވަނީ 40 އާއި 50 މިލިއަން ޔޫރޯގެ ދެމެދު އަގަށެވެ. ޕީއެސްވީން ބުނީ މިއީ އެކްލަބްގެ ރެކޯޑް ފީއެއް ކަމަށެވެ.

2028 ވަނަ އަހަރުގެ ނިޔަލަށް ގެކްޕޯ ލިވަޕޫލަށް ސޮއިކޮށްފައިވާ އިރު ލިވަޕޫލްގެ 18 ނަންބަރު ޖާޒީން ފެނިގެންދާނެ ގެކްޕޯ ބުނީ ލިވަޕޫލް ފަދަ ބޮޑު ކްލަބަކާ ގުޅުމުން އުފާ ކުރާ ކަމަށާ އޭނާ ބޭނުން ވަނީ ވީހާ ވެސް އަވަހަށް ތަމްރީނުތަކުގައި ބައިވެރިވުމަށް ކަމަށެވެ.

ގެކްޕޯ ލިވަޕޫލާއެކު ކޮންޓްރެކްޓްގައި ސޮއިކުރަނީ/ފޮޓޯ: އެލްއެފްސީ ޓުވިޓާ

ގެކްޕޯ ބުނީ ލިވަޕޫލަކީ އޭނާގެ މިހާރު ހުރި ހުނަރު އިތުރަށް ކުރިއެރުވަން އެންމެ ރަނގަޅު ކްލަބް ކަމަށާ ލިވަޕޫލްގައި މިހާރު ވެސް މޮޅެތި ބައިވަރު ކުޅުންތެރިން އެބަތި ކަމަށެވެ. އަދި އެކުޅުންތެރިންގެ ފަރާތުން އިތުރަށް ދަސްކުރަން ބޭނުންވާ ކަމަށް ވެސް ގެކްޕޯ ބުންޏެވެ.

މިދިޔަ ސީޒަންގައި އެންމެ ޕޮއިންޓެއްގެ ފަރަގުން ލީގު ތަށި ގެއްލުނު ލިވަޕޫލަށް މި ސީޒަންގައި މާ މޮޅު ކުޅުމެއް އަދި ދެއްކިފައި ނުވާ އިރު އެޓީމުގެ ފޯވަޑް ލައިންގެ މުހިންމު ކުޅުންތެރިންތަކެއް ތިބީ ކުޅުމާ ދުރުގައެވެ. މިގޮތުން ލުއިސް ޑިއޭޒް އަދި ޑިއާގޯ ޖޮޓާ އަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ހޯދަމުންދާ އިރު ތަޖުރިބާކާރު ފޯވަޑް ރޮބާޓޯ ފަމީނޯ ވެސް ހުރީ މިވަގުތު ކުޅުމާ ދުރުގައެވެ.

ގަތަރު 2022 ގެ ކުއާޓާ ފައިނަލްއާ ހަމައަށް ނެދެލޭންޑްސް ދިޔަ އިރު ގެކްޕޯ ވަނީ މުބާރާތުގައި ތިން ލަނޑު ޖަހާފައެވެ. ކުއާޓާގައި ނެދެލޭންޑްސް ކެޓީ ތަށި ހޯދި އާޖެންޓީނާ އަތުންނެވެ.