އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑާ މެންޗެސްޓާ ސިޓީ ވާދަކުރި މެޗު 1-3 އިން ސިޓީ ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު ލީޑްސްގެ ޑިފެންސިވް ކުޅުން ވަރުގަދަ ކަމުން ސިޓީއަށް ގިނަ ފުރުސަތުތަކެއް ގެއްލުނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް ސިޓީން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިޑްފީލްޑަރު ރޮޑްރީއެވެ.
ދެވަނަ ހާފްގައި ސިޓީން ލީޑު ފުޅާ ކުރި އިރު އެޓީމުން މެޗުގައި ދެން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ މި ސީޒަންގައި ސިޓީއާ އަލަށް ގުޅުނު ނޯވޭގެ ފޯވަޑް އާލިންގް ހާލަންޑެވެ.
މިއާއެކު ހާލެންޑް މިސީޒަންގައި ލީގުގައި ޖެހި ލަނޑުގެ އަދަދު 20 އަށް އަރާފައިވާ އިރު މިއީ ހާލެންޑަކީ އެންމެ މަދު މެޗުގެ ތެރޭގައި 20 ލަނޑު ހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. ރޭގެ މެޗަކީ ލީގުގައި ހާލެންޑް ސިޓީއަށް ކުޅުނު 14 ވަނަ މެޗެވެ.
ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައިގެން ދޭ ރަން ބޫޓު މިދިޔަ ސީޒަންގައި ލިވަޕޫލްގެ މުހައްމަދު ސަލާހާއި ޓޮޓެންހަމްގެ ސޮން ހިއުމިންގް ކާމިޔާބުކުރި އިރު މި ދެކުޅުންތެރިންނަށް ވެސް ޖެހުނީ 23 ލަނޑެވެ.
ރޭގެ މެޗުގައި ލީޑްސްއިން ވެސް ލަނޑެއް ޖެހި އިރު 73 ވަނަ މިނެޓްގައި ކާމިޔާބުކުރި މި ލަނޑަށް ފަހު އެޓީމަށް އިތުރު ލަނޑެއް ނުޖެހުމުން މެޗު ނިމުނީ 1-3 އިން ސިޓީ މޮޅުވެގެންނެވެ.
މިއާއެކު ސިޓީ މިވަނީ އަލުން ތާވަލުގެ ދެވަނަ އަށް އަރާފައެވެ. އަދި އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު 5 އަކަށް ކުޑަކޮށްފައެވެ.
ރޭގެ ބައްޔާއެކު ލީޑްސް އޮތީ ތާވަލުގެ 15 ވަނައިގައެވެ.