ޗައިނާ ފަތުރުވެރިން ވަރަށް އަވަހަށް ރާއްޖެ އަންނަން ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލިޒިންގް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ޗައިނާގެ ސަފީރު ވިދާޅުވީ ރާއްޖެ އަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއް ކަމަށާއި ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ކުރިން އެ ގައުމުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު އެއް މަންޒިލަކީ ރާއްޖެ ކަމަށެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން، ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިން ނަމަވެސް ކޮވިޑުގެ ސަބަބުން، މިދިޔަ ދެ އަހަރު އެ ގައުމުން ރާއްޖެ އަށް ފަތުރުވެރިން އައުން އޮތީ މެދުކެނޑިފައެވެ. މިހާރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާ، އިނގިރޭސިވިލާތް، އަދި އިންޑިއާއިންނެވެ.

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު އޭގެ ތެރެއިން 284،029 ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.

ވަން ލިޒިން ވިދާޅުވީ ޗައިނާގެ ރައްޔިތުންނަށް އައުޓްބައުންޑް ޓޫރިޒަމްގެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށާއި އެކަމުގެ އިންތިޒާމުތައް ހަމަޖެހުމާއި އެކީ އެގައުމުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ވެގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.