ރަޝިއާއިން ޔޫކަރއިން އަށް އަރާ ކުރާ ހަނގުރާމަ އާ ގުޅިގެން ރަޝިއާއަށް އަޅާ ދަތިކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، ރަޝިއާއިން ގަންނަ ތެލުގެ އަގު ކޮންޓްރޯލް ކުރަން ނިންމި ހުޅަނގާއި ޔޫރަޕްގެ ގައުމުތަކަށް އަންނަ ފެބްރުއަރީ 1 އިން ފެށިގެން ތެޔޮ ނުވިއްކާނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިންގެ ހާއްސަ ގަރާރަކުން ކަނޑައަޅައި އެ ނިންމުން އިއުލާން ކުރި އިރު ބުނީ ދުނިޔޭގެ އެންމެ މުއްސަނދި 7 އިގްތިސޯދު (ޖީ7) އާއި އޫރަޕިއަން ޔޫނިއަން އާއި އޮސްޓްރޭލިއާ އަށް އަންނަ 2023 ގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތެޔޮ ވިއްކުން ހުއްޓާލާ ކަމަށެވެ. ނަމަވެސް ހާއްސަ ހާލަތެއްގައި ހާއްސަ ކަމެއް ދިމާވެގެން އެއިން ގައުމަކަށް ނުވަތަ ބަޔަކަށް ތެޔޮ ވިއްކާ ނަމަ އެކަން ކުރެވޭނީ ރަޝިއާގެ ރައީސްގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށްވެސް ބުނެފައި ވެއެވެ.
ޖީ7 އަދި އީޔޫގެ އިތުރުން އޮސްޓްރޭލިއާ އިން ތެލުގެ އަގު ކޮންޓްރޯލްކޮށް ބާޒާރުގައި 80 ޑޮލަރަށް ހުރި ރަޝިއާގެ ތެޔޮ އެ ފަރާތްތަކުން ގަންނާނީ ބޮޑުވެގެން 60 ޑޮލަރަށް ކަމަށް ވަނީ ނިންމާ މި ހިނގާ ޑިސެމްބަރު 5 އިން ފެށިގެން އަމަލުކުރަން ފަށާފައެވެ.
މިއާއެކު ރަޝިއާއިން ހުޅަނގަށް އޭރުވެސް ގިނަ އިންޒާރުތަކެއް ދީފައި ވާ އިރު، ތެޔޮ ނުވިއްކަން ނިންމާ އިއުލާން ކުރި ގަރާރުގެ ދަށުން އެކަން ހިފަހައްޓާ މުއްދަތަކީ 5 މަހެވެ. އަދި އޭގެ ދަށުން ހިފަހައްޓާނީ ކަނޑުމަގުން ފޮނުވާ ތެލާއި، ތެލުގެ ބާވަތްތަކެވެ. ހުޅަނގުންވެސް އަގު ކޮންޓްރޯލް ކުރީ ކަނޑުމަގުން އެތެރެ ކުރާ ތެލަށެވެ.
މިހާރު ރަޝިއާގެ ތެޔޮ އެތެރެ ކުރާ ހުޅަނގާއި އީޔޫގެ ގައުމުތަކަށް ބަލާ އިރު ސްލޮވޭކިއާ އަށް އެތެރެ ކުރާ ތެލުގެ 80 ޕަސެންޓަކީ ރަޝިއާގެ ތެލެވެ. ހަންގޭރީގެ 65 ޕަސެންޓް، ޗެކް ރިޕަބްލިކްގެ 40، ތުރުކިޔޭ ގެ 39، ޕޮލަންޑް 39، ލެޓްވިއާ 25 ޕަސެންޓް ތެޔޮ އެތެރެ ކުރަނީ ރަޝިއާއިންނެވެ. މި ހިނގާ 2022 ވަނަ އަހަރު ފެށުނު ފަހުން، ޑެންމާކް، ސްޕެއިން، ޔޫކޭ، ޕޯޗުގަލް، ސްވިޑްން، އަޔަލޭންޑް އަދި އޮސްޓްރޭލިއާ އަށް ރަޝިއާގެ ތެލެއް އެތެރެ އެެއް ނުކުރެއެވެ.