ކޮޕް ސަމިޓުގައި ދުނިޔޭގެ ވެރިން މޫސުމާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރަމުން ދާ މިދަނޑިވަޅުގައި އިރާގުގެ ތެޔޮ އުފައްދާ ކުންފުންޏެއްގެ ފިތްކަނޑައިގެން ދާވަރުގެ ސިއްރުތަކެއް މިވަނީ ދުނިޔެއަށް ބޭޒާރުވެފައެވެ.
މިވާހަކަތައް ކިޔައިދީފައި ވަނީ ތެޔޮ އުފައްދާ ފީލްޑާ ކައިރީގައި ދިރިއުޅެމުންދާ އަލީ ހުސައިން ޖުލޫދު ނަމަކަށް ކިޔާ ޒުވާނެކެވެ. އަލީ އަކީ ލޭގެ ކެންސަރު ޖެހި އެއިން މިހާރު ސަލާމަތްވެފައިވާ ޒުވާނެކެވެ. އޭނާ މިވަނީ އިރާގުގެ ބީޕީ ނަމަކަށް ކިޔާ މިކުންފުނިން ތެޔޮ އުފެއްދުމުގައި އަމަލުކުރަމުން އަންނަ ނުރައްކާތެރި ގޮތާއި އަދި އަވަށުގައި ދިރިއުޅޭ އާންމުންނަށް އެއްވެސް ބެލުމެއް ނެތި ހިންގަމުން އަންނަ ތެޔޮ އެންދުން ނުވަތަ ގޭސް ފްލެއަރިންގެ ވާހަކަތައް ދުނިޔެއަށް ހާމަކޮށްފައެވެ.
ބީޕީ އިން ވަނީ މިހާ ގިނަދުވަސް ވަންދެން އެމީހުން ތެޔޮ އުފެއްދުމުގައި ކުރަމުން އައި ނުރައްކާތެރި ކަންތައްތައް ސިއްރުކޮށްފައެވެ. އަދި އެހިސާބާ ކައިރީގައި ދިރިއުޅޭ މީހުންގެ ފުރާނަތައް މިވަނީ މިކަމުގެ ސަބަބުން ނުރައްކަލަށް ހުށައެޅިފައެވެ. ނަމަވެސް އަލީ މިވަނީ މިކަންތައް ބީބީސީ މެދުވެރިކޮށް ދުނިޔޭގެ ސަމާލުކަމަށް ގެނެސްދީފައެވެ.
ގޭސް ފްލެއަރިންގ އަކީ ކޮބާ؟
"ގޭސް ފްލެއަރިންގް" ނުވަތަ ގޭސް އެންދުމަކީ ތެޔޮ އުފެއްދުމުގެ މަރުހަލާގައި ބިމުން ބޭރުވާ ގުދުރަތީ ގޭސްތައް އެންދުމެވެ. މިއީ ތެޔޮ އުފެއްދުމުގައި އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މިގޮތަށް ގޭސްތައް އެންދުމުގެ ސަބަބުން ކަޅު ބޯ ވިލާތަކެއް ފަދައިން ބޯ ދުންގަނޑު އެހިސާބެއްގެ ޖައްވުތެރޭގައި އެނބުރެއެވެ. މިގޮތަށް ބޭރުވާ ދުމުގެ ތެރެއަށް ނޭވާލުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.
ތެޔޮ އުފައްދާ ކުންފުނިތަކުން އާންމުކޮށް ގޭސް އަންދަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެއީ ބިމުގެ އަޑީގައި ހުންނަ ތެލުގެ ވަށައިގެން އެނބުރޭ ގޭހުގެ ޕްރެޝަރު ކުޑަކުރުމަށާއި ހިނގާފާނެ ގޮވުމެއްގެ ނުރައްކާ ކުޑަކުރުމަށެވެ.
ގޭސް އެންދުމަކީ ތިމާވެށްޓަށް އޭގެ ސަބަބުން އިއާދަ ނުކުރެވޭ އެތަކެއް ގެއްލުމެއް ލިބޭކަމެކެވެ. އެގޮތުން 2021 ވަނަ އަހަރު މިކަމުގެ ސަބަބުން ޖައްވަށް ވަނީ 400 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް ދޫވެފައެވެ. މިއީ އިގިރޭސިވިލާތުގައި އަހަރެއްގެ މައްޗަށް ޖައްވަށް ދޫކުރެވޭ ކާބަންގެ އަދަދާއި އެއްވަރުގެ އަދަދެކެވެ. ގޭސް އެންދުމުގެ ސަބަބުން ޖައްވަށް އަރައިގެންދާ ކެމިކަލްތަކުގެ ތެރޭގައި ބެންޒީން، ނެފްތަލީން، އަދި އިންސާނުންގެ ސިއްހަތަށް އެންމެ ނުރައްކާތެރި އެއް ކެމިކަލް ކަމުގައިވާ ބްލެކް ކާބަން ހިމެނެއެވެ.
ސެޓެލައިޓް ޑޭޓާ އިން ދައްކާގޮތުން ދެކުނު އިރާގުގެ ސިޓީއެއް ކަމުގައިވާ ބަސަރާގެ ރުމައިލާ ސަރަހައްދަކީ ދުނިޔޭގެ އެންމެ ގިނައިން މިފަދަ ނުރައްކާތެރި ގޭސް ޖައްވަށް ދޫކުރާ ހިސާބެވެ. މިގޮތަށް ދޫކުރެވޭ ގޭހުގައި ގިނަ އަދަދަކަށް ބެންޒީން ވެސް ހިމެނެއެވެ. ބެންޒީން އަކީ ކެންސަރު ޖެހުމަށް މަގުފަހިކުރާ ނުރައްކާތެރި ގޭހެކެވެ.
މިގޮތުން ތެޔޮ ފީލްޑްތަކާ ކައިރި ރުމައިލާ ކަހަލަ ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް ވަނީ ކެންސަރު ޖެހިފައެވެ. މިތަންތަނުގައި އެންމެ އާންމު ބައްޔަކީ ލޭގެ ކެންސަރެވެ.
މީގެ ތެރެއިން އެކަކީ އަލީއެވެ. އަލީ އަށް ކެންސަރު ޖެހުނު އިރު އުމުރަކީ އެންމެ 18 އަހަރެވެ. އަލީގެ ބައްޕަ ވަނީ ހުރިހާ މުދަލެއް ވިއްކާލުމަށް ފަހު ތުރުކީ އަށް ގޮސް އަލީ އަށް ފަރުވާދީ ރަނގަޅު ކޮށްފައެވެ. އަލީ ބުނެފައިވާ ގޮތުން ބަސަރާގެ ކެންސަރު ހޮސްޕިޓަލް ވަނީ ބަލިޖެހިފައިވާ މީހުން ގިނަވެގެން ގޮސް ފުރިފައެވެ. މީގެ ތެރޭގައި ގިނައީ އަލީ ފަދަ ތެޔޮ ފީލްޑްތަކާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުންނެވެ.
އަހަރުމެން ފުޓްބޯޅަ ކުޅެން ބޭރުގައި ތިބެފައި ވެސް ކުއްލިއަކަށް ގެއަށް ވަންނަން އެބަޖެހޭ ވިހަ ދުންތައް ފެތުރި ނޭވާ ހާސްވެގެން، އަދި ވިއްސާރައިގެ ސިފައިގައި މަތިން ތެޔޮ ފައިބަން ފެށުމުން" ކަމުގެ ނުރައްކާތެރިކަން ހާމަކުރަމުން އަލީ ބުނެފައި ވެއެވެ. އަދި އަލީ އަށް ކެންސަރު ޖެހުމުގެ ސަބަބަކީ ވެސް އެއީ ކަމަށް އަލީއަށް ފަރުވާދިން ބަސަރާގެ ހޮސްޕިޓަލުގެ ޑޮކްޓަރުވެސް ބުނެފައިވާ ކަމަށް އަލީ ބުންޏެވެ.
އާންމުންގެ ހާލަތު ދުނިޔެއަށް ސިއްރުކުރާ ކަމުގެ ތުހުމަތު
މިހާ ގިނަ އަދަދަކަށް މީހުންނަށް މިކަމުގެ ސަބަބުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހެމުން ދާއިރުވެސް އިރާގުގެ ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް މިކަމާ ބެހޭގޮތުން އެއްވެސް ދިރާސާއެއް އާންމު ކޮށްފައި ނުވެއެވެ.
ނަމަވެސް ފަހުން އެނގިފައިވާ ގޮތުގައި އިރާގުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ މި މައުލޫމާތުތައް ސިއްރު ކޮށްފައެވެ. އެގޮތުން ލީކުވެފައިވާ ބައެއް ރަސްމީ ލިޔެކިޔުންތަކުގައިވާ އަދަދަށް ވުރެ އިރާގުގެ މިސަރަހައްދު ތަކުގައި ކެންސަރު ޖެހިފައިވާ މީހުންގެ އަދަދު 3 ގުނަ އިތުރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރުމައިލާގައި ދިރިއުޅޭ ބައެއް މީހުން ވަނީ އެމީހުން އެތަނުގައި ދިރިއުޅޭ ނުރައްކާތެރި ދިރިއުޅުން ދައްކުވައިދޭ ވީޑީއޯތައް ބީބީސީ އާ ހިއްސާކޮށްފައެވެ.
ބީބީސީގެ އަންޑާކަވާ
ބީބީސީ އިން ހާމަކޮށްފައިވާ ގޮތުގައި އެތަކެއް ފަހަރުމަތިން އެމީހުން އެސަރަހައްދުގެ ހާލަތު ދެނެގަތުމަށްޓަކައި ރުމެއިލާ އަށް ވަނުމަށް ރަސްމީކޮށް ހުށައެޅި ހުށައެޅުން ތަކަށް އިރާގުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އެހެން ކަމުން އެމީހުންނަށް ފެނުނު ހަމައެކަނި ގޮތަކީ ރުމެއިލާ ސަރަހައްދަށް ވަގަށް ވަދެ އެތަނުގެ ދިރާސާއެއް ހެދުން ކަމަށްވެސް ބީބީސީއިން ވަނީ ބުނެފައެވެ.
އިރާގުގެ ތެޔޮ ފީލްޑްތައް ގިނަ މިސަރަހައްދުގައި ގާތްގަނޑަކަށް 1800 އަކަ ކިލޯ މީޓަރުގެ ހުރެއެވެ. މިއީ ދުނިޔޭގެ ކުދި ގައުމުތަކާ އެއްވަރުގެ ސަރަހައްދެކެވެ. އަދި މިތަނުގެ ވަށައިގެން ސެކިއުރިޓީ ވަރަށް ވަރުގަދަ ކުރެވިފައި ވެއެވެ. މިތަނަށް ވަންނަން ހުންނަ ހުރިހާ ދިމާލެއްގައި ވަށައިގެން ޗެކްޕޮއިންޓްތައް ހުންނަ އިރު، އަބަދުވެސް މިތަން ގާޑު ކުރާ ސެކިއުރިޓީން ހަރަކާތްތެރި ވެއެވެ. މިއީ މިތަނުގައި ހިމެނޭ ތެޔޮ ކުންފުނިތަކަށް ބޮޑު ފައިދާއެއް ލިބޭ ކަމަކަށް ވާއިރު މިހުރިހާ ކަމެއްގެ ފަހަތުގައި ތިބީ ދެކުނު އިރާގުގެ ސިޔާސީ މަސްރަހުގައި ވެރިކަން ކުރާ ހަތިޔާރު އެޅި ޖަމާއަތެވެ.
އިރާގުގައި ހަރަކާތްތެރިވި ބީބީސީގެ ރިޕޯޓަރުން ވަނީ ތަނުގެ ހާލަތު ދައްކުވައިދޭ ޑޮކިއުމެންޓްރީ އެއްވެސް ތައްޔާރު ކޮށްފައެވެ. މި ޑޮކިއުމަންޓްރީގައި ވައި ތަޣައްޔަރު ވުމުގެ ސަބަބުން ތިމާވެށްޓަށާއި އަދި ކުޑަކުދިންނަށް މިއިން ކުރާ ނޭދެވޭ އަސަރުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައި ވެއެވެ.
މިގޮތުން ތެޔޮ ފީލްޑް ތަކާއި 10 ކިލޯމީޓަރު ކައިރި އެކި ހިސާބުތަކުގައި ދިރިއުޅޭ ކުޑަކުދިންގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމަށް ފަހު ވަނީ ޓެސްޓު ކޮށްފައެވެ. އަދި މިދިރާސާތައް ކޮށްފައި ވާނީ ސަރަހައްދުގައި އުޅޭ ހަމައެކަނި ތިމާވެށްޓާއި ބެހޭ ސައިންޓިސްޓުންގެ ބައިވެރިވުމާ އެކުގައި ކަމަށްވެސް ބީބީސީއިން ބުނެއެވެ. ނެގި ކުޑަކުދިންގެސާމްޕަލްތަކުގެ ރިޕޯޓުތަކުން ދައްކާގޮތުގައި އެކުދިންގެ ކުޑަކަމުދާ ތަކެތީގައި ގިނަ އަދަދަކަށް ވިހަ މާއްދާއެއް ކަމުގައިވާ ނެފްތަލިން އެކުލެވިގެން ވެއެވެ.
ނެފްތަލިން އަކީ އިންސާނުންގެ ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ވިހައެކެވެ. މީގެ ސަބަބުން ލޭގެ ކެންސަރާއި ފުރަމޭ ހަލާކުވުމާއި، ނާރުތައް ހަލާކުވުން ފަދަ ބޮޑެތި ގެއްލުން އިންސާނުންނަށް ލިބެއެވެ.
އަދި މީގެ އިތުރުން ކުރެވުނު ތިމާވެށީގެ ތަހުލީލުތަކުން ދައްކާގޮތުން މިސަރަހައްދުގެ ޖައްވުގައި ހުންނަން ޖެހޭ ރައްކާތެރި މިންވަރަށް ވުރެ 3 ގުނަ އިތުރަށް ބެންޒީން ގޭސް އެކުލެވިގެން ވެއެވެ.
ބީބީސީގެ މި ޑޮކިއުމެންޓްރީއާ ގުޅިގެން އިރާގުގެ ތެލާއި ބެހޭ ވަޒީރު، ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ރުމެއިލާ ތެޔޮ ފީލްޑުން ދޫކުރާ ހުރިހާ ގޭހެއް ބަނުދުކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިގޮތަށް ބުނާއެއްވެސް އެއްޗަކަށް އަމަލީ ސިފަ މިހާތަނަށް ގެނެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ޒިންމާ ނަގާނެ ބަޔަކު ނެތް؟
ކަންބޮޑުވާން ޖެހޭ އަނެއްކަމަކީ މިސަރަހައްދުގެ ތެޔޮ ފީލްޑުތަކުން އަންދާލެވޭ ވިހަ ގޭހުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ކޮބައިކަން ނޭނގުމެވެ. މިތަނުގެ މިލްކުވެރިއަކީ އިރާގު ސަރުކާރު ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ތަން ހިންގަނީ ބީޕީއާއި އެމީހުންނާއި ބައިވެރިވާ ކުންފުނިތަކުންނެވެ.
އިރާގުގެ ކުރީގެ ތެލާ ބެހޭ ވަޒީރު، އަބްދުލް ޖައްބާރު އިސްމާއީލް ބީބީސީ އަށް ބުނެފައި ވަނީ މިކަމުގެ އެންމެ ފުރިހަމަ ޒިންމާ ބީޕީ އިން ނަގަން ޖެހޭނެ ކަމުގައެވެ. ނަމަވެސް ބީޕީ އިން ބުނެފައި ވަނީ އެޒިންމާ ނަގަން ޖެހޭނީ ތެޔޮ ފީލްޑް އޮޕަރޭޓް ކުރާ އަދި ތަނުގެ 48 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާ ރުމެއިލާ އޮޕަރޭޓިން އޮގަނައިޒޭޝަނުން ކަމުގައެވެ.
މީގެ އިތުރުން ބީޕީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ އެތަނުގެ ހާލަތު ބީބީސީއަށް ކިޔައިދީފައެވެ. އެގޮތުން ތެޔޮ އުފައްދާތަނުގެ އެތެރޭގެ ނިޒާމްތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ތެޔޮ ލީކުވުމާއި، ތަނުގައި ރޯވެ ގޭސް ލީކުވުން ފަދަ ބިރުވެރި ހާދިސާތައް އެތަނުގައި ހިނގާކަމުގެ މައުލޫމާތު ދީފައި ވެއެވެ. އައި މިކަމުގެ ހެއްކެއްގެ ގޮތުން ތަނުގެ ވީޑިއޯ ވެސް ލިބިފައިވާ ކަމަށް ބީބީސީ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ތެޔޮ ފީލްޑުގެ ވައި ތަޣައްޔަރު ނުވާ ގޮތަށް ކަންތައްތައް ނުބެލެހެއްޓުމުގެ ސަބަބުން ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް އެއިން ނޭދެވޭ އަސަރު ކުރަމުން ދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ނަމަވެސް ބީޕީގެ ތަރުޖަމާނު ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.
އަލީ ކެންސަރު ބަލިން މިހާރު ސަލާމަތްވެފައި ވީނަމަވެސް ދިފާއީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ވަރަށް ގިނަ ކަންތައްތައް ކުރުމަށް އޭނާއަށް ވަނީ ނުކުޅެދިފައެވެ. އަދި ކެންސަރު ބައްޔަށް ފަރުވާކުރަން ހޭދަވި މުއްދަތުގެ ސަބަބުން އަލީގެ ކިޔެވުންވެސް ވަނީ މެދުކެނޑިފައެވެ. އަލީގެ އިތުރުން ވެސް މިސަރަހައްދުގައި ދިރިއުޅޭ ކެންސަރުގެ ޝިކާރައަށް ވި ވަރަށް ގިނަ ކުދިންނާއި ބީބީސީ އިން ވަނީ މީގެ ކުރިން ބައްދަލު ކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ ކުދިން މިހާރު ވަނީ ދުނިޔެ ދޫކޮށްފައެވެ.
އަލީ ވަނީ އެތައް ފަހަރެއްގެ މަތިން އަލީގެ ފަރުވާއާއި ކިޔެވުން މެދުކެނޑުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ލިބޭތޯ ބީޕީގައި އެދިފައެވެ. ނަމަވެސް އެމީހުންގެ ފަރާތުން އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ބީޕީ އިން ބުނާގޮތުގައި ވަކިވަކި ފަރުދުންގެ އަމިއްލަ ވާހަކަތަކާ ގުޅިގެން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ބީބީސީ އިން ފުރަތަމަ ގުޅުމުން އެމީހުން ވަނީ ރުމެއިލާގައި ތިބި އެމީހުންގެ ބައިވެރިންނާ ގުޅިގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ފަށާފައި ކަމުގައި ބުނެފައެވެ. އަދި މީގެ އިތުރުން މުޖްތަމައަށް އެހީތެރިވެދިނުމަށާއި، އާންމުންގެ ކަންބޮޑުވުންތައް ދެނެގަނެ އެކަމުގައި އަޅާނެ ފިޔަވަޅުތައް މުރާޖައާ ކުރަމުން ދާ ކަމުގައިވެސް ވަނީ ބުނެފައެވެ.