އެސްޓީއޯއިން އާންމުކޮށް ޝެޑްތަކުން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކޮށްފިއެވެ.

އޮގަސްޓް 18، 2022 ވާ ބުރާސްފަތި (މިއަދު) އިން ފެށިގެން އަގަށް ބަދަލު އަންނަ ކަން ދާދި ދެންމެ އެސްޓީއޯއިން ވަނީ ހާމަ ކޮށްފައެވެ.

ތެލަށް ގެނައި ބަދަލާައެކު ޑީސެލް ލީޓަރެއް 16/32ރ އަށް ލިބޭނެއެވެ. ކުރިން ޑީސެލް ވިއްކީ 16/77ރ އެވެ. ކުރިން ޕެޓްރޯލް ލީޓަރެއް 16/55ރ ވިއްކި އިރު މިއަދުން ފެށިގެން 15/97ރ އަށް ލީޓަރެއް ލިބޭނެއެވެ.

ރަޝިއާ އާއި ޔޫކްރައިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ބާރު ބޮޑުވެ ތެލުގެ އަގު މީން ޒަމާނެއްގައި ނުދާހާ މައްޗަށް އަރައިގެން ދިޔަ ވަގުތު އެސްޓީއޯއިން ގާތްގާތުގައި 3 ފަހަރަށް ތެލުގެ އަގު ބޮޑުކުރިއެވެ. ނަމަވެސް މިހާރު ތެލުގެ އަގު ހެޔޮ ކުރި އިރުވެސް ރަޝިއާ އާއި ޔޫކްރައިން ހަނގުރާމަ ދަނީ ކުރިއަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިޙާރު ހުރީ 90 ޑޮލަރަށް ވެއްޓިފައެވެ. ޔޫކްރައިން އާއި ރަޝިއާ ހަނގުރާމަ އެންމެ ގަދަވި ދުވަސް ވަރު ތެލުގެ އަގު 120 ޑޮލަރަށް އަރައިގެން ދިޔައެވެ.

މިއަދު ތެލުގެ އަގު ހެޔޮ ކުރީ ޖޫން 24، 2022 ގެ ކުރިން ވިއްކަމުން ދިޔަ ރޭޓަށް 2ރ ބޮޑު ކުރުމަށް ފަހު ވިއްކާތާ 2 މަސް ފަހުންނެވެ.