ތެލަށް މިވަގުތު އެންމެ ބޭނުން ޖެހިފައިވާ އާންމުންނަށް ތެލުގެ ސަބްސިޑީ ދިނުމަށް، ސަރުކާރުން ސަބްސިޑީ ދިނުމުގެ ސިޔާސަތަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރުމާ ގުޅިގެން ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، މީގެ ދެ އަހަރު ކުރިން ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދު މިއިން ދުވަހަކު ނުދާހާ ވަރަށް ދަށަށް ދިއުމާ އެކު، ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިއަހަރު ނިމުމުގެ ކުރިން، ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސޯދު ގެނެވޭނެ ކަމަށެވެ.

ނަމަވެސް، އިގްތިސޯދު ހަމައަކަށް އެޅުވުމަށް ހުރަސްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރަޝިއާ ޔޫކްރައިން ހަނގުރާމައިގެ ސަބަބުން އެކަމުގެ އަސަރު މުޅި ދުނިޔެއަށް ކޮށްފައިވާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވެސް އަސަރުކޮށްފައިވެއެވެ

އެހެންވިޔަސް ވެސް، އެ ހަނގުރާމައިގެ ސަބަބުން އެހެން ގައުމުތަކަށް ވުރެ ދިވެހިންނަށް ކުރި އަސަރު ކުޑަ ކަމަށާއި، އެގޮތުން އެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިގެން ދިޔައިރު ވެސް، ސަރުކާރުން ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަބަބަކީ އޭގެ ހަގީގީ ބުރަ ސަރުކާރުން އުފުލަމުން ދާތީ." ރައީސް ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސޯދު އެއް މިނެއްގައި ހިފެހެއްޓުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަކީ:

  • ސަރުކާރުގެ ހޭދަތައް ކުޑަކޮށް، ރިކަރަންޓް ހަރަދުތައް ހިފެހެއްޓުން
  • ސަރުކާރުގެ ހަރަދުގައި ހިންގާ ބައެއް މަޝްރޫއުތައް މަޑުޖައްސާލުން
  • ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ބައެއް ސިޔާސަތުތައް ބަދަލުކުރުން

ތެލުގެ ސަބްސިޑީ ދެމުންދާ އުސޫލުތައް ބަދަލުކުރުމުގެ ވިސްނުމެއް

މިއަދު ދެއްވި ހިތާބުގައި ސަރުކާރުގެ ބައެއް ތަފާސްހިސާބުތައް އާންމުކުރައްވައި ރައީސް ވިދާޅުވީ، ތެލުގެ ސަބްސިޑީއަށް އަންދާޒާކުރި އަދަދު އެތައް ގުނައަކުން މަތިވެއްޖެ ކަމަށެވެ. ރައީސް އާންމުކުރެއްވި ހިސާބުތަކުގައިވާ ގޮތުން:

  • މި އަހަރަށް ތެލުގެ ސަބްސިޑީގެ ގޮތުގައި 341.5 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވޭ
  • ތެލުގެ އަގަށް އައި ބަދަލާ އެކު، ޖޫން މަހުގެ ނިޔަލަށް 910.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ
  • އެއީ ލަފާކުރިވަރަށް ވުރެ ގާތްގަނޑަކަށް ތިންގުނަ އިތުރު އަދަދެއް
  • މި އަހަރު ތެލުގެ ސަބްސިޑީ އަށް 1.95 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެ ކަމަކަށެވެ. އެ ދެ ކަމަކީ:

  • އާންމުން ބޭނުންކުރާ ކަރަންޓުގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށް
  • މަސްވެރިންނަށް ބޭނުންވާ ތެލަށް

މި ސަބްސިޑީތައް ދެމުންދާ އުސޫލުތައް އިސްލާހުކުރަން ޖެހޭ ކަމަށާއި، ރަޝިއާ ޔޫކްރައިންގެ ހަނގުރާމަ ދިގުލައިގެން ގޮސްފައިވާއިރު، އެ ހަނގުރާމައިން ދެން އަތުވެދާނެ ހާލަތަކަށް ތައްޔާރުވެ، އެ ހާލަތާ ގުޅޭގޮތަށް ރާއްޖޭގެ އިގްތިސޯދީ ސިޔާސަތައް ބަދަލު ގެންނަން ޖެހޭ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއީ މި ހާލަތާ ގުޅޭ ގޮތަށް އިގްތިސޯދީ ސިޔާސަތަށް ބަދަލު ގެންނަން ޖެހޭ ވަގުތު."

އެހެންކަމުން ރައީސް ވިދާޅުވީ، ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ލިބޭނެ ގޮތަކަށް ސިޔާސަތުތައް ބަދަލުކުރަން ޖެހޭ ކަމަށާއި، އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ ކަމަކީ ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށްޓަކައި އުފުލަންޖެހޭ ބުރައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި އަޅުގަނޑު ދެކެން. މި ބަދަލު ތަފްސީލު ކޮށް ތަންޒީމު ކޮށް ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ސަރުކާރުން ފެށިވާހަކަ ދަންނަވަން. މިއީ ދުޅަހެޔޮ އިގްތިސޯދީ އޮމާން ދުވެލީގެ ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލްވުމަށް މިވަގުތު ކޮންމެހެން އުފުލަން ޖެހޭ ބުރައެއް."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، ސަރުކާރުގެ ޒިންމާއަކީ އެހިނދަކު ކުރިމަތިވާ ކޮންމެ ހުރަހަކުން އަރައިގަނެ، ގައުމު ހަމަމަގަށް އެޅުވުން ކަމަށް. އެ މަސައްކަތް ސަރުކާރުން އަބަދު ވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.