ދުނިޔޭގެ ތެލުގެ ބާޒާރުގެ ކޮންޓްރޯލް އޮންނަ ގައުމުތައް ހިމެނޭ އޯޕެކުން ބާޒާރަށް ނެރޭ ތެލުން ދުވާލަކަށް 2 މިިއަން ފީފާ މަދުކުރަން މިރޭ ފާސްކޮށްފިއެވެ.

ދާދި ދެންމެ އޮސްޓްރިއާގެ ވިއޭނާގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެންބަރު ގައުމުތަކުގެ ހަކަތައާ ބެހޭ ވަޒީރުން ވިދާޅުވީ، ދުވާލަކަށް މިހާރު ނެރެމުން ދާ 29.7 މިލިއަން ފީފާގެ ތެރެއިން 2 މިލިއަން ފީފާ މަދުކުރަން ނިންމައިފައި ވާ ކަމަށެވެ.

އެ ގައުމުތަކުން ދުވާލަކަށް އުފައްދާ މިންވަރު މަދުކުރަން ނިންމީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ އަދި އިތުރަށް އަގު ވެއްޓުމުގެ ބިރު އޮތުމާ ގުޅިގެން ފީފާއަކަށް ޖެހޭ އަގު ރަނގަޅު ކުރުމަށެވެ.

ދުނިޔެ އިގްތިސޯދީ ހީނަރުކަމަކާ ދިމާއަށް ދަތުރު ކުރާ މި ދަނޑިވަޅުގައި ފާއިތުވި 3 މަސްދުވަހުގެ ހިސާބުތަކަށް ބަލާއިރު، 120 ޑޮލަރަށް ހުރި ތެޔޮ ފީފާ މިހާރު 90 ޑޮލަރަށް ލިބެއެވެ.

މި ބަދަލާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ކަންބޮޑުވުން ފާޅުކޮށް، އޯޕެކްގެ ނިންމުމަށް ފާޑުކިޔާފައި ވާ އިރު، ފިނި މޫސުމާ ދިމާކޮށް ހަކަތައަށް މިހާރުވެސް ޖެހިފައިވާ ޔޫރަޕަށް އިތުރު ބުރައަކަށް ވާނެއެވެ. ރަޝިއާއާއި ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން، ރަޝިއާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދިނުން ވެސް މިވަގުތު އޮތީ ހުއްޓާލާފައެވެ. އަދި އެމެރިކާގެ ބާޒާރުގައި ވެސް ހަކަތައިގެ އަގުތައް ހިފެހެއްޓުމަށްޓަކައި، ރިޒާވްގައި ހުރި ތެޔޮ ނެރެން އެމެރިކާއަށް މަޖުބޫރު ވާނެއެވެ.

"އޯޕެކްގެ ނިންމުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ، ތަރއްގީ ވަމުން އަންނަ ގައުމުތަކަށާއި ފަގީރު ގައުމުތަކަށް، ދުނިޔޭގެ ހަކަތައިގެ ސިނާއަތު ދެމިގެން ދާނެހެން ހިފަހައްޓަން ޖެހޭ ވަގުތެއްގައި އޯޕެކްގެ ނިންމުމާ މެދު ކަންބޮޑުވޭ"
ވައިޓްހައުސް

މީގެ އިތުރުން އެމެރިކާއިން ބުނީ، ބާޒާރަށް ތެޔޮ ނެރޭ މިންވަރު މަދު ނުކުރަން ސައުދީ އަރަބިއްޔާ އާ މަޝްވަރާ ކުރެވެމުން ދަނިކޮށް އަދަދު މަދުކުރުމުން ކަންބޮޑުވާ ކަމަށެވެ.

އޯޕެކްގައި މިޙާރު ހިމެނޭ 14 ގައުމުގެ ތެރެއިން ސައުދީ އިން ދުވާލެއްގެ މައްޗަށް 10.9 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރެއެވެ. އިރާގުން 4.5 މިލިއަން ފީފާ، ޔޫއޭއިން 3.2 މިލިއަން ފީފާ، ކުވައިތުން 2.8 މިލިއަން ފީފާ، އީރާނުން 2.6 މިލިއަން ފީފާ ނެރެއެވެ.