މިދިޔަ ނޮވެމްބަރު މަހުގެ 20 އިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ގަތަރުގައި އޮތް ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް މެދު ކަނޑާލުމަށް ފަހު އިންގްލިޝް ޕްރިމިއާ ލީގު އީޕީއެލްގެ މެޗުތައް އަލުން ފަށައިފިއެވެ.
އީޕީއެލް އަކީ ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ތެރެއިން ވޯލްޑްކަޕަށް ފަހު އެންމެ ފުރަތަމަ މެޗުތައް ފެށި ލީގެވެ. މި ހަފްތާގައި ސްޕެނެޝިގް ލަލީގާ އަދި ފްރެންޗް ލީގުގެ މެޗުތައް ވެސް އަލުން ފަށާނެއެވެ.
ވޭތުވެދިޔަ ދެ ރޭގެ ނަތީޖާތަކަށް ބަލާ އިރު ވޯލްޑްކަޕްގެ ކުރިން ވެސް ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް މިވަނީ ފަހަތުން އަރާ ވެސްޓްހޭމް ބަލިކޮށް ތާވަލުގެ ކުރީގައި 7 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އާސެނަލް ވެސްޓްހޭމް ބަލިކުރީ 3-1 އިންނެވެ.
ތަވާލުގެ ދެވަނައިގައި އޮތީ މިސީޒަންގައި އެންމެން ހައިރާން ކޮށްލި ނިއުކާސަލްއެވެ. މިދިޔަ ސީޒަންގެ ފަހު ކޮޅު ސައުދީގެ ކުންފުންޏަކުން ގަތް ނިއުކާސަލް މި ހަފްތާގައި ކުޅުނު މެޗުގައި ވަނީ 3-0 އިން ލެސްޓާ ސިޓީ ބަލިކޮށްފައެވެ.
ތާވަލުގެ ތިން ވަނައިގައި އޮތް ސިޓީ މިރޭ ދަންވަރު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ނިކުންނާނެއެވެ.
ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް އަށް މި ހަފްތާގެ މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ ބްރެންޓްފޯޑްއާ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުންނެވެ.
އެހެން ނަތީޖާތަކަށް ބަލާ އިރު މިދިޔަ ސީޒަންގެ ދެވަނައިގައި އޮތް ލިވަޕޫލް ވަނީ 3-1 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު މުހައްމަދު ސަލާހް ޖަހާ ދިން އިރު މިއީ މި ސީޒަންގައި ޖެހިޖެހިގެން ތިން މެޗުން ލިވަޕޫލް މޮޅުވި ފުރަތަމަ ފަހަރެވެ. ލިވަޕޫލް މިވަގުތު ތާވަލުގެ 6 ވަނައިގައި އޮތް އިރު 5 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ރޭ ވަނީ 3-0 އިން ނޮޓިންހަމް ފޯރަސްޓް ބަލިކޮށް ހަމަޖެހިލާފައެވެ.
ރޭ ޗެލްސީ ވެސް ކުޅުނު އިރު އެޓީމު ވަނީ 2-0 ބޯންމޯތް ބަލިކޮށްފައެވެ.
އިންގްލިޝް ޕްރިމިއާ ލީގުގެ މެޗުތައް މި ހަފްތާ ބަންދުގައި ވެސް އޮންނާނެއެވެ.