ގާބާ ބްރޭންޑްގެ އުފެއްދުންތައް ރަޖިސްޓްރީ ނުކޮށް އިމްޕޯޓްކޮށް ވިއްކުމާއި މާކެޓް ކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީން ބުނެފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ، މިހާރަކަށް އައިސް ގާބާ ބްރޭންޑްގެ އުފެއްދުންތަކެއް ރަޖިސްޓްރީ ނުކޮށް މާލޭގެ ފިހާރަތަކާއި އަދި މީސްމީޑިއާ މެދުވެރިކޮށް ވިއްކަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން މި ބާވަތުގެ އުފެއްދުންތައް އިމްޕޯޓްކޮށް ވިއްކުމާއި މާކެޓްކުރުމަކީ މަނާކަމެއް ކަމަށާއި އަދި އެބާވަތުގެ އުފެއްދުންތައް ވިއްކާނަމަ އެކަން އެ އޮތޯރިޓީއަށް އެންގުމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

އެ މައުލޫމާތު ހިއްސާ ކުރުމަށް ގުޅާނީ އެ އޮތީރިޓީގެ ނަންބަރު 3014361 އަށް ކަަމަށާއި އަދި އޮފީސް ބަންދު ވަގުތުތަކުގައި ގުޅާނީ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަށް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

ގާތުންދޭ ކިރުފެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް، ރާއްޖެއަށް އތެރެ ކުރުމާއި އުފެއްދުމާއި، ވިޔަފާރީގައި ބޭނުން ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކަން ބެހެއްޓޭނީ އެމްއެފްޑީއޭގެ ގަވާއިދު އަދި އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށްގެންނެވެ.

އެފަދަ ބާވަތްތައް ރަޖިސްޓްރީ ކުރުމުގެ މަގްސަދަކީ ޅަފަތުގެ ކުދިންނާއި ކުޑަކުދިން އަދި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންގެ ދުޅަހެޔޮ ސިއްހަތަށާއި، ރައްކާތެރި އަދި އެދެވިގެންވާ ކާނާ ލިބިގަތުމަށް މަގުފަހިކޮށްދިނުން ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. އަދި އެފަދަ އުފެއްދުންތަކުގެ ފެންވަރާއި މާކެޓްކުރުމާއި ވިއްކުމާ ބެހޭ މައުލޫމާތާއި ބެނުން ކުރާނެ ގޮތުގެ އިރުޝާދުދީ އޭގެ މިންގަނޑުތައް ހިފެހެއްޓުމަކީ ވެސް އެފަދަ ބާވަތްތައް ރަޖިސްޓްރީ ކުރުމުގެ މަގްސަދުގެ ތެރޭގައިބ ހިމެނޭ ކަމެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެހެންކަމުން އެފަދަ އުފެއްދުންރައް ރަޖިސްޓްރީ ނުކޮށް ވިއްކުމަކީ އެ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމެއް ކަމުގައި އެ އޮތޯރިޓީން ބުނެއެވެ.