ވ. އާރަށް މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ ޝަރީއަތުގެ ރިޕޯޓު ނުލިބޭތީ އެމަނިކުފާނުގެ ގާނޫނީ ވަކީލުން ކަންބޮޑުވެވަޑައިގެންފިއެވެ.
ވ. އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަަހަރަށް ޖަލަށް ލާން ހުކުމް ކުރީ އިއްޔެއެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ، މަނީ ލޯންޑަރިން މައްސަލައިގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް 7 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ 4 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
އެ ހުކުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގެ ޔޫޓިއުބު ޗެނަލްއިން ލައިވްކުރި ނަމަވެސް މިހާރު އެ ޝަރީއަތުގެ އަޑުއެހުން ޔޫޓިއުބުން ރިމޫވްކޮށްފައެވެ.
މިކަމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކްރިމިނަލް ކޯޓުން 11 އަހަރުދުވަހުގެ ޖަލު ހުކުމް އިއްޔެ ކުރީގެ ރައީސެއްގެ މައްޗަށް އިއްވި އިރު އަދިވެސް ރިޕޯޓް ނުލިބޭ ކަމަށާއި ކޯޓަށް ހާޒިރުވީ 9 ޖެހިއިރު ނަމަވެސް ޝަރީއަތް ފެށީ 12 ޖަހަން ކައިރި ވެފައި ހުއްޓާ ކަމަށެވެ. އަދި ހުކުމް އިއްވީ ރިޕޯޓް ތައްޔާރު ނުކޮށް ތިބެގެންތޯ އާއި މިއީ އިންސާފުތޯ ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.
ހުކުމް އިއްވާ ދުވަހު "ޝަރީއަތް ނިމުނު ގޮތުގެ އަސްލު" އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދޫކުރަން ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ބަޔާންކޮށްފައި ވާއިރު ވެސް އެކަން ނުކޮށް ލަސް ކުރަމުން ދަނީ ކީތްވެގެންތޯ ސުވާލު ކުރައްވާފައެވެ. ސްޕްރީމް ކޯޓްގެ ޕްރެކްޓިސް ޑައިރެކްޝަން ބުނާގޮތުންވެސް ހުކުމް އިއްވާ ދުވަހު ޝަރީޢަތް ނިމުނުގޮތް ނުވަތަ ރިޕޯޓް ދޭންޖެހޭ ކަމަށާއި ނަމަވެސް އެލިޔުން ނުލިބޭތީ އިސްތިއުނާފުގެ މަސައްކަތްވެސް ނުފެށޭ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ޑރ. ޖަމީލް ވަނީ ކްރިމިނަލް ކޯޓު ޒިންމާކުރުވާނެ އެއްވެސް ފަރާތެއް ނެތީތޯ ސުވާލު ކުރައްވާފައެވެ.
އެކަމާ ގުޅިގެން ޔަމީންގެ ގާނޫނީ ވަކީލު އާދަމް ޝަމީމް ވިދާޅުވީ އިއްޔެގެ ޝަރީއަތުގެ ލައިވް ސްޓްރީމް ޔޫޓިއުބުން މިހާރު ނަގާފައިވާ ކަމަށާއި އެހެންނަމަވެސް އިއްޔެގެ ޝަރީއަތުގެ ވީޑިއޯ އެބަ އޮތް ކަމަށެވެ. އަދި އިއްޔެގެ ޝަރީއަތް ރާއްޖޭގެ ގިނަ މީޑިއާ ތަކަކުން ވެސް ލައިވް ކުރިކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ ހުކުމުގެ ކޮންމެ އަކުރެއް ވަކިން ބަލައި ޗެކު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ސްޕްރީމް ކޯޓްގެ ޕްރެކްޓިސް ޑައިރެކްޝަން ބުނާގޮތުންވެސް ހުކުމް އިއްވާ ދުވަހު މައްސަލައިގެ ހުކުމަށް ވާސިލުވި ސަބަބާއި ހުކުމް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ “ޝަރީއަތް ނިމުނު ގޮތް” ކޮންމެ ހަސްމަކަށް ހަވާލު ކުރަންޖެހޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، މައްސަލައިގެ ހުކުމް ކުރުމަށްފަހު ހުކުމްގެ ކޮޕީ ނުދީ މިހާ ގިނައިރުވާން ޖެހޭ ސަބަބެެއް ނެތް ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވިއެވެ.
ސްޕްރީމް ކޯޓްގެ ޕްރެކްޓިސް ޑައިރެކްޝަނެއް ހިއްސާކޮށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދު ﷲ ޝިޔާޒް ވިދާޅުވީ އެ ހުކުމްގެ ކޮޕީ ދޫނުކޮށް އޮތުމަކީ ގާނޫނާ ހިލާފް އަމަލެއް ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެެއް އިއްވައި ފައި މިވަނީ 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާ ޕީޕީއެމް އިން އެމަނިކުފާނަށް ޓިކެޓު ހަވާލުކޮށްފައި ވަނިކޮށެވެ.
މިސަރުކާރު ވިޔަސް އެހެން ސަރުކާރެއް ވިޔަސް ރިސްވަތުގާ ނުޖެހޭ އެއްވެސް ބައެއްނެތް! ވަޒީފާ އެއް ހޯދަން ވިޔަސް ރިސްވަތު! ސަރުކާގެ އޮފީހަކަށް ކަމަކު ދިޔަސް ރިސްވަތު! ބޭރުން ބިދޭސީއަކު ގެންނަން ކޯޓާ ހޯދަން ވިޔަސް ރިސްވަތު! މުޅި ޤައުމުގަ ވެސް ރިސްވަތު! އެއްވެސް ސަރުކާރަކުން ރިސްވަތޭ ކިޔާފަ އަނގަ ހުޅުވާލުން މާތާހިރެއް ނޫން! ތީ މިހާރު މި ޤައުމުގެ މޮޓޯ... "ރިސްވަތު"