ރިޝްވަތު ދިނުމުގެ ދައުވާ، ވ. ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވެ އޭނާގެ މައްޗައް 3 އަހަރާ 2 މަހާ 12 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެއް ސީޣާއެއްގައި ކުރިއަށް ގެންދިޔަ 2 ދައުވާ ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޔޫސުފް ނައީމް ހިމެނޭ އިރު އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ކަމަށް ހުކުމްކޮށް، އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި ދައުލަތުން އެދުނީ ރިޝްވަތުގެ ކުށާ ގުޅިގެން އޭނާގެ މައްޗަށް 8 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
އެއާއެކު އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ތައްޔާރުވުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން އެދުނު ނަމަވެސް އެ މައްސަލަ ބައްލެވި އިސްގާޒީ އަހްމަދު ޝަކީލް ނިންމެވީ އަދަބާ ގުޅޭގޮތުން މިއަދު 2 ޖަހާއިރު ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވައި ގޮތެއް ނިންމުމަށެވެ.
އެ ފުރުސަތުގައި ރައީސް ޔާމީންގެ ފަރާތުން އެއްވެސް ވާހަކައެއް ދައްކަވަން ބޭނުން ނުވި ނަމަވެސް ޔޫސުފް ނައީމުގެ ފަރާތުން ވާހަކަ ދައްވަކަމުން ވަކީލުން ބުނީ، ނައީމަކީ ސިއްހީ މައްސަލަތަކެއް ހުރެގެން ގަވައިދުން މެޑިކަލް ފޮޅޯއަޕް ހަދަން ޖެހޭ ބޭފުޅެއް ކަމަށާއި، ކުޑަ 4 ކުދިންނާއި އަންބަކާއި މައިންބަފައިން ބަލަހައްޓާ، އެމީހުންގެ ހަރަދުތައް ހިފަން ޖެހޭ ފަރާތް ކަމަށާއި، އޭނާގެ މައްޗަށް ކުރާ ހުކުމްގައި ޖަލު ބަންދުގެ ބައި ކުޑަކޮށް ޖޫރިމަނާ އާއި، އޭނާގެ އިލްމީ ގާބިލިއްޔަތުކަން ތަންދޭ ދާއިރާއިން ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވުމަށެވެ.
އެ އަޑުއެހުން އަސުރުގެ ކުރިން މަދުކަނޑާލުމަށް ފަހު އިރު އޮއްސެނިކޮށް ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ، ޔޫސުފު ނައީމްގެ ފަރާތުން އެދުނު ގޮތަށް މަސްހުނި ހުކުމެއް ކުރާނެ ތަނެއް ނެތް ކަމަށާއި އެހެން ކަމުން 3 އަހަރާ 2 މަހާ 12 ދުވަހަށް ޖަލަށް ލާން ހުކުމް ކުރައްވާ ކަމަށެވެ.
ބުނެލަންޖެހެނީ ހަމަ ޢަލްޙަމްދުﷲ އެވެ. ކޮންމެވެސް ދުވަހަކުން އަދި ދިވެހިންގެ ފައިސާއިން އެޅި ގަޑުވަރުވެސް ދިވެހިންނަށް ލިބޭނެއެވެ. އިންޝާﷲ