ވެރިކަމުގައި އަންހެނުންނަށް ލުއިތަކެއް ދޭނެ ކަމަށް ބުނެ ތޯލިބާނުން އަނެއްކާވެސް އަންހެނުންނަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފިއެވެ.

ވެރިކަމަށް އައުމަށް ފަހު ދުވަސްކޮޅެއް ނުވެ ފުރަތަމަ މަނާ ކުރީ، މެދުމަދަރުސީ ތައުލީމު އުގެނެން އަންހެން ދަރިވަރުން ސްކޫލު މަދަރުސާތަކަށް ދިޔުމެވެ. އޭގެ ފަހުން ހުސްވި ހަފްތާގައި އަންހެނުން ޔުނިވާސިޓީ ތަކަށް ދިޔުން މަނާ ކުރުމަށް ފަހު އިއްޔެ ވަނީ އަންހެނުން އެންޖީއޯތަކުގައި ބުރުގާ ނާޅާ މަސައްކަތް ކުރުން މަނާ ކޮށްފައެވެ.

ބައިނަލްއަގުވާމީ އެންޖީއޯތަކާއި އަފްގާން އެންޖީއޯތަކަށް ތޯލިބަނުންގެ އިކޮނޮމިކް މިނިސްޓްރީން ފޮނުވި ސިތީގައި ބުނެފައި ވަނީ، އެންޖީއޯތަކުގައި މަސައްކަތް ކުރާ އަންހެނުން ހެދުން އެޅުމުގެ އުސޫލާ ހިލާފަށް (ބުރުގާ ނާޅާ) މަސައްކަތް ކުރާ ކަމަށާއި އެކަން އެހެން ވިޔަ ނުދޭން އެންހެނުން ބުރުގާ ނާޅާ އެންޖީއޯތަކުގައި މަސައްކަތް ކުރުން މަނާ ވީ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އެންޖީއޯތަކަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ، އެ އުސޫލާ ހިލާފުވާ އެންޖީއޯތަކުގެ ލައިސަންސް ބާތިލު ކުރާނެ ކަމަށެވެ.

މިއާއެކު ފީމޭލް އަފްގާން އެންޖީއޯގެ މެންބަރުން ކަންބޮޑުވުން ފާޅު ކޮށް ބުނީ، އެމީހުންގެ އާއިލާތަކާއި ދަރިންނަށް ކާންބޯން ދޭން މަސައްކަތް ކުރަނީ އަންހެންވެރިން ކަމަށާއި ތޯލިބާނުންގެ އާ ސިޔާސަތުގެ ސަބަބުން ގޮތް ހުސްވެޖެ ކަމަށެވެ. އެހެން އަންހެނަކު ބީބީސީ އާ ވާހަކަ ދައްކަމުން ބުނީ، އޭނާ ވަޒީފާއަސް ދަނީ ތޯލިބާނުން ކަނޑައަޅާފައި އޮންނަ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހެދުން އަޅައިގެން ކަމަށާއި ނަމަވެސް އެ ނިންމުމާއެކު "ޝޮކެއްގައި" ހުރި ކަމަށެވެ. އެހެން އަންހެނަކު ބުނީ، "ދުނިޔެ އޮތީ އަހަރެމެންނަށް ބަލަން ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ނުކުރާ ކަމަށް" އެވެ.

ތޯލިބާނުން ސަރުކާރުގެ މި ނިންމުމާ ގުޅިގެން އެމެރިކާއާއި އދ ގެ އިދާރާތަކުން ކަނބޮޑުވުން ފާޅުކޮށް ބުނީ، އެއީ ގައުމުގެ ހާލަތު ނާޒުކު ފައްތަރަކަށް ދާނެ ކަމެއް ކަމަށާއި، އެތައް މިލިއަން ބަޔަކު ދިރިއުޅުމަށް ކުރާ މަސައްކަތަށް އެކަމުގެ ސީދާ އަސަރު ކުރާނެ ކަމަށެވެ. އަފްގާނިސްތާނުގައި އދ ގެ ގިނަ ޓީމުތަކުން ހަރަކާތްތެރި ވާ އިރު، އަފްގާން ސަރުކާރުގެ މި ނިންމުނާ ގުޅިގެން އިންސާނީ އެހީއާ ގުޅޭ ޓީމުން މިއަދު ކުއްލި ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

ހުސްވި ހަފްތާގައި ޔުނިވާސިޓީތަކަށް އަންހެނުން ދިޔުން މަނާ ކުރުމުން އެކަމާ ދެކޮޅަށް މަދު ނަމަވެސް 100 އެއްހާ އަންހެނުން މަގުތަކަށް ނުކުމެ އިހުތިޖާޖު ކޮށްފައި ވެއެވެ. އެ އިހުތިޖާޖު ރޫޅާލީ ތޯލިބާނުންގެ ސަލާމަތީ ބާރުތަކުން އިހުތިޖާޖުގެ ބައިވެރިންގެ ގަޔަށް ފެންޖަހައިގެން ކަމަށް ހަބަރުތައް ބުނެއެވެ.