ޗައިނާގައި ކޮރޯނާވައިރަސްގެ ވޭރިއެންޓެއް ކަމުގައި ވާ އޮމިކްރޯންގެ ސަބް ވޭރިއަންޓް ބީއެފް7 ބާރަށް ފެތުރޭތީ އެޅި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، 5 ގައުމެއްގެ މީހުން ނެގެޓިވް ޕީސީއަރު ނަތީޖާއެއް ގެންދަން އިންޑިއާއިން އަންގައިފިއެވެ.

އެ ފަސް ގައުމަކީ ޗައިނާ، ޖަޕާން، ސައުތް ކޮރެއާ، ހޮންގް ކޮންގް އަދި ތައިލޭންޑެވެ.

އެއް ބައްރެއްގައި އޮންނަ މި ގައުމުތަކުގެ ތެރެއިން ޗައިނާ ފިޔަވައި، ކޮވިޑް ބިޔަ ރާޅެއް އަރައިގެން އުޅޭކަމަށް އެހެން ގައުމަކުން ރިޕޯޓު ކޮށްފައެއް ނުވެއެވެ. ޗައިނާގައި ކޮވިޑް ޒީރޯ ސިޔާސަތަކާއެކު އާންމުން ގޭ ބަންދު ކޮށްގެން ނުވަތަ ލޮކްޑައުންގައި ގެންގުޅޭތާ 2 އަހަރުވާން ދާން އިރު، ކޮވިޑަށް ޕޮޒިޓިވް ވާ މިންވަރު ދަށްވެފައި އޮތް ނަމަވެސް އާންމުންގެ ޕްރެޝަރާ ހެދި ދާދި ފަހުން ދިން ލުއިތަކާއެކު އަތުނުޖެހޭ ހާ ބާރު މިނުގައި ކޮވިޑް ދަނީ ފެތުރެމުންނެވެ.

ވިޔަފާރި ހަބަރުތަކަށް ހާއްސަ ބްލާމްބާގް ނިއުސް އެޖެންސީން، ޗައިނާފެ ހެލްތް އޮފިޝަލުންގެ ރިޕޯޓަކާ ހަވާލާ ދީ ބުނެފައި ވަނީ، މި ހިނގާ ޑިސެމްބަރު މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ޗައިނާގެ އާބާދީގެ 18 ޕަސެންޓް މީހުން ޕޮޒިޓިވް ވެފައި ވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް 5000 އެއްހާ މީހުން މަރުވާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.

އޮމިކްރޯން ވޭރިއަންޓް، ބީއެފް7 ޗައިނާގައި ހަލުވިކަމާ އެކު ފެތުރެމުން ދާ އިރު އިންޑިއާއިން ވެސް ވަނީ ބީއެފް7 ގެ 4 ކޭސް ފެނިފައެވެ.

ކޮވިޑް19 ފެނި ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރުނު އިރު، އިންޑިއާ އަކީ 2 ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވި ގައުމެވެ. އޭރު 44 މިލިއަން މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓް ކުރިއެވެ.

އަލަށް ފެތުރެމުން ދާ މި ވޭރިއަންޓާ ގުޅިގެން އިންޑިއާގައި މިހާރު ފަށާފައި ވާ ސްކްރީނިން ޕްރޮގްރާމުގެ ދަށުން ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުން އިންޑިއާ އަށް އެތެރެވާ މީހުންގެ 2 ޕަސެންޓް މީހުން މިހާރު ޓެސްޓް ކުރަން ވަނީ ފަށާފައެވެ.

އިންޑިއާގެ ފެޑެރަލް ހެލްތް މިނިސްޓަރު މަންޝުކް މަންދަވިޔާ ވަނީ، ޗައިނާގައި ބާރަށް ކޮވިޑް ފެތުރެމުން ދާތީ، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޓެސްޓް ކުރަން ފަށާފައި ވާ އިރު ސަރަހައްދީ ސަރުކާރު ތަކުންވެސް އިތުރަށް ސަމާލުވެ ކޮރޯނާވައިރަހުގެ އަލާމާތެއް ފެނިއްޖެނަމަ ސާމްޕަލް ނަގާ ޓެސްޓް ކުރަން ލެބޯޓަރީތަކަށް ފޮނުވަން އެދިވަޑައިގަންނަވާފައެވެ.

މިމަކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އައިމްސް) ގެ ކުރީގެ ވެރިޔާ، ޕުލްމޮނޮލޮޖިސްޓް ޑރ. ރަންދީޕް ގްލޭރިއާ ވިދާޅުވީ، ޗައިނާ އާއި އިންޑިއާގެ ހާލަތު ތަފާތު ކަމަށާއި ޗައިނާގައި ބީއެފް7 އެހާ ބާރަށް ފެތުރެމުން ދަނީ، ކޮވިޑް ޒީރޯ ސިޔާސަތާއެކު ގޭ ބަންދުވެ ނުވަތަ ލޮކްޑައުންގައި ތިބި ބަޔަކު ކުއްލިއަކަށް އެ ވަހިރަކަށް ހުށަހެޅުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން، ބީއެފް7 އިންޑިއާއިން ފެނުނުތާ މިހާރު 2-3 މަސް ވެދާނެއެވެ. އަދި މި ވީ މުއްދަތުގައި ބާރަށް ފެތުރޭތަން ނުފެންނަ އިރު އަދަދު ދަށަށް ދާކަން ފާހަގަ ވާ ކަމަށެވެ. ނަމަވެސް ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް ތިބެން ޖެހޭނީ ސަމާލުވެ ކަމަށް އޭނާ ވިދާޅުވެއެވެ.

ބީއެފް7 ފެނުމާއި، ފެތުރުމުން ރައްކާތެރިވެ ތިބުމަށް އެންމެން މާސްކް އަޅާ ގައިދުރިމިން ބަހައްޓަން ހެލްތް މިނިސްޓްރު މަންދަވިޔާ ވަނީ އެދިވަޑައިގެންފައެވެ. އަދި އާންމުން އެއްވާ ތަންތަނަށް ގޮސް ތޮއްޖެހި ނޫޅުމަށާއި ކައިވެނި ހަފްލާތަކާއި ސިޔާސީ ބައްދަލުވުންތައް ފަދަ ގިނަ ބަޔަކު އެއްފަހަރާ އެއްވެގެން ކުރާ ކަންކަން ހުއްޓާލުމަށް އެގައުމުގެ އިންޑިއާގެ މެޑިކަލް އެސޯސިއޭޝަނުން ވެސް ވަނީ ގޮވާލާފައެވެ.