"ދިޔަރެސް" ހިންގަނީ ދޮގު ފަތުރައިގެން ކަމަށް ވިދާޅުވެ ނޫހުގެ ރަޖިސްޓްރާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފާޑު ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ ޕީއެޗްޑީއަށް ކިޔަވާވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން އޭނާގެ ދިރިއުޅުމުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައި ދީފައިވާ ކަމަށް ބުނެ "ދިޔަރެސް" އިން ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ.

އިމްރާން ވިދާޅުވީ ދިޔަރެސް ހިންގަނީ ދޮގު ހަބަރު ފަތުރައިގެން އުފެދޭ އެނާޖީގައި ކަން އިންސާފާއި ތެދު ގަބޫލު ކުރާ އެންމެންނަށްވެސް އެނގޭ ކަމަށެވެ.

އިމްރާންގެ މިވާހަކަ އާ ގުޅިގެން ދިޔަރެސް ޓީމުން، ސޯޝަލްމީޑިއާގައި ވަރުގަދައަށް ރައްދު ދެމުން އެބަދެއެވެ. އެގޮތުން އިމްރާން ކުރައްވާފައި ހުރި ބައެއް ކަންކަމުގެ ވާހަކަ އާއި ފައިސާ އާ ގުޅޭ ވާހަކަތައް އެޓީމުން ދަނީ ތިލަކުރަމުންނެވެ.

އެހެން ސައިޓްތަކުގައި ހުންނަ ކޮންޓެންޓަށް "ދަ ޕްރެސް" އިން ޒިންމާއެއް ނުވާނެއެވެ. ޓްވިޓާ ޕޯސްޓް ބެލުމަށް މި ލިންކަށް ފިއްތާލާށެވެ.

މިކަމާ ގުޅިގެން އިމްރާން މީގެ ކުރިން ވިދާޅުވީ ޔުމްނާ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހަށް ފަހު އަދި މިހާތަނަށް ސަރުކާރުގެ ފަރާތުން މުސާރަ އަދި އެލަވަންސެއް ވެސް ޔުމްނާއަށް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ތެރޭގައި ޔުމްނާ ކިޔަވާ ވިދާޅުވުމަށްޓަކައި ތައިލެންޑަށް ދިރިއުޅުން ބަދަލުކުރައްވާފައި ވާ އިރު، އޭނާ ވަނީ ކޮންސަލްޓަންޓެއްގެ ގޮތުގައި ޖެންޑާ މިނިސްޓްރީގެ ހިއްސާ އޮތް ދެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރައްވާފައެވެ. އެ ދެ ޕްރޮޖެކްޓުގެ ތެރެއިން މިދިޔަ މަހުގެ 15 ވަނަ ދުވަހު އޭނާއާ ހަވާލުކުރި ޕްރޮޖެކްޓުގެ މަސައްކަތް އޭނާ މިހާރު ވެސް ގެންދަވަނީ ކުރައްވަމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ މަގާމު ޔުމްނާ އަދާ ކުރައްވަމުން ގެންދަވަނީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެއްވުމަށް ފަހު ކަމަށެވެ. އެތަނުން އެއް ޕްރޮޖެކްޓަކީ 'އދ. އެސްކޭޕް' އިން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ހިންގި ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓަކީ އދ. އިން ކޮންސަލްޓަންޓް ހޮވާ މުސާރަ ދިން ޕްރޮޖެކްޓެއް ކަމަށެވެ

ދެވަނަ ޕްރޮޖެކްޓަކީ ޖެންޑާ މިނިސްޓްރީން އިއުލާނު ކޮށްގެން، ޔުމްނާ ކުރިމަތިލައްވައިގެން އިޖުރާއަތްތަކާ އެއްގޮތަށް އޭނާއަށް ލިބުނު ޕްރޮޖެކްޓެއް ކަމަށާއި އެއީ ޖެންޑާ މިނިސްޓްރީން ހަދާ މެނުއަލްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށް މިއުވާން ވިދާޅުވިއެވެ. އެ ޕްރޮޖެކްޓަށް މީހުން ހޮވީ މިނިސްޓްރީގެ ޕެނަލަކުން ނޫން ކަމަށާއި އެއީ މިނިސްޓްރީން ބޭރުގެ ތިން މީހުންގެ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓަކީ ދާއިމީ ޕްރޮޖެކްޓެއް ނޫން ކަމަށާއި އޭނާ ކޮންސަލްޓަންޓަކަށް ނަގާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތައް ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.