އިންޑިއާގެ އަވައްޓެރި ޗައިނާގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރު ވާތީ، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިންޑިއާ އަށް އެތެރެ ވާ މީހުން ރެންޑަމްކޮށް ކޮވިޑަށް ޓެސްޓް ކުރަން ފަށައިފިއެވެ.
އިންޑިއާގެ ފެޑެރަލް ހެލްތް މިނިސްޓަރު މަންޝުކް މަންދަވިޔާ، އެގައުމުގެ މަޖިލީހުގައި މިއަދު ވިދާޅުވީ، ޗައިނާގައި ބާރަށް ކޮވިޑް ފެތުރެމުން ދާތީ، ރައްކާތެރިފިޔަވަޅެއްގެ ގޮތުން ޓެސްޓް ކުރަން ފަށާފައި ވާ އިރު ސަރަހައްދީ ސަރުކާރު ތަކުންވެސް އިތުރަށް ސަމާލުވެ ކޮރޯނާވައިރަހުގެ އަލާމާތެއް ފެނިއްޖެނަމަ ސާމްޕަލް ނަގާ ޓެސްޓް ކުރަން ލެބޯޓަރީތަކަށް ފޮނުވަން އެދިވަޑައިގަންނަވާ ކަމަށެވެ.
އިންޑިއާގެ ހަބަރުފަތުރާ ބައެއް އިދާރާތަކުން ބުނާ ގޮތުގައި ޗައިނާއަށް މިހާރު ކުރިމަތިވެފައި ވާ ކޮވިޑްގެ ރާޅުގައި ފެތުރެއްމުންދާ އޮމިކްރޯން ވޭރިއަންޓްގެ ވައިރަހެއް ކަމުގައިވާ ބީއެފް7 އިންޑިއާއިންވެސް ފެނިފައި ވާ ކަމަށާއި މިހާތަނަށް 4 ކޭހެއް ރިޕޯޓު ކޮށްފައި ވާ ކަަމަށެވެ.
މިމަކަމަ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އައިމްސް) ގެ ކުރީގެ ވެރިޔާ، ޕުލްމޮނޮލޮޖިސްޓް ޑރ. ރަންދީޕް ގްލޭރިއާ ވިދާޅުވީ، ޗައިނާ އާއި އިންޑިއާގެ ހާލަތު ތަފާތު ކަމަށާއި ޗައިނާގައި ބީއެފް7 އެހާ ބާރަށް ފެތުރެމުން ދަނީ، ކޮވިޑް ޒީރޯ ސިޔާސަތާއެކު ގޭ ބަންދުވެ ނުވަލަ ލޮކްޑައުންގައި ތިބި ބަޔަކު ކުއްލިއަކަށް އެ ވަހިރަކަށް ހުށަހެޅުމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުން، ބީއެފް7 އިންޑިއާއިން ފެނުނުތާ މިހާރު 2-3 މަސް ވެދާނެއެވެ. އަދި މި ވީ މުއްދަތުގައި ބާރަށް ފެތުރޭތަން ނުފެންނަ އިރު އަދަދު ދަށަށް ދާކަން ފާހަގަ ވާ ކަމަށެވެ. ނަމަވެސް ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް ތިބެން ޖެހޭނީ ސަމާލުވެ ކަމަށް އޭނާ ވިދާޅުވެއެވެ.
ބީއެފް7 ފެނުމާއި، ފެތުރުމުން ރައްކާތެރިވެ ތިބުމަށް އެންމެން މާސްކް އަޅާ ގައިދުރިމިން ބަހައްޓަން ހެލްތް މިނިސްޓްރު މަންދަވިޔާ ވަނީ އެދިވަޑައިގެންފައެވެ. އަދި އާންމުން އެއްވާ ތަންތަނަށް ގޮސް ތޮއްޖެހި ނޫޅުމަށާއި ކައިވެނި ހަފްލާތަކާއި ސިޔާސީ ބައްދަލުވުންތައް ފަދަ ގިނަ ބަޔަކު އެއްފަހަރާ އެއްވެގެން ކުރާ ކަންކަން ހުއްޓާލުމަށް އެގައުމުގެ އިންޑިއާގެ މެޑިކަލް އެސޯސިއޭޝަނުންވެސް ވަނީ ގޮވާލާފައެވެ.
އިންޑިއާއަކީ ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށިއިރު އެންމެ ބޮޑަށް އަދި އެންމެ ބާރަށް ފެތުރުނު އެއް ގައުމެވެ. ނަމަވެސް އެގައުމުން އެޅި ފިޔަވަޅުތަކާއި ވެކްސިން ޖެހުމާއި މާސްކު އެޅުމާއެކު ގެންގުޅުނު ގައިދުރުކަމުގެ ސިޔާސަތުތަކުގެ ސަބަބުން މިއަހަރުގެ ކުރީކޮޅުން ފެށިގެން ޕޮޒިޓް ވި އަދަދުތައް ބޮޑުތަނުން ވަނީ ދަށްވެފައެވެ. ސިއްހީ ހިސާބުތައް ދައްކާ ގޮތުން މިވަގުތު އިންޑިއާގައި ކޮރޯނާވައިރަސް ޖެހިފައި ތިބީ 3400 މީހުންނެވެ.
ބީއެފް7 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، އިންޑިއާއަށް އެތެރެވާ މީހުން ޓެސްޓް ކުރަން ނިންމާފައި ވީ ނަމަވެސް މިވަގުތު އެއްވެސް ފްލައިޓެއް ހުއްޓާލުމުގެ ވިސްނުމެއް ނެތްކަމަށް މަންދަވިޔާ ވިދާޅުވެއެވެ.
އާބާދީގައި 1.3 ބިލިއަން މީހުން ދިރިއުޅޭ އިންޑިއާގައި 2.2 ބިލިއަން ވެކްސިން ޑޯޒް ޖަހާފައި ވާ އިރު 3 ވަނަ ޑޯޒް ޖަހާފައި ވަނީ އާބާދީގެ 27 ޕަސެންތް މީހުންނެވެ.