ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ އެ މަގާމުން އިސްތިއުފާ ދެއްވި ފަހުން މުސާރަ އަދި އެލަވަންސެއް ވެސް ސަރުކާރުން ދީފައި ނުވާ ކަމަށް އޭނާގެ ފިރިކަލުން އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، ޔުމްނާ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޖެންޑާ މިޏިސްޓްރީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާތީ އެއީ، އިމްރާންގެ ނުފޫޒުން މަގާމުން އިސްތިއުފާ ދެއްވުމުން ފައިސާ ނުލިބޭ ތަންކޮޅު ފޫބެއްދުމަށް ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދާތީއެވެ.
އިމްރާން ވިދާޅުވީ، ޔުމްނާ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހަށް ފަހު އަދި މިހާތަނަށް ސަރުކާރުގެ ފަރާތުން މުސާރަ އަދި އެލަވަންސެއް ވެސް ޔުމްނާއަށް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ތެރޭގައި ޔުމްނާ ކިޔަވާ ވިދާޅުވުމަށްޓަކައި ތައިލެންޑަށް ދިރިއުޅުން ބަދަލުކުރައްވާފައި ވާ އިރު، އޭނާ ވަނީ ކޮންސަލްޓަންޓެއްގެ ގޮތުގައި ޖެންޑާ މިނިސްޓްރީގެ ހިއްސާ އޮތް ދެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރައްވާފައެވެ. އެ ދެ ޕްރޮޖެކްޓުގެ ތެރެއިން މިދިޔަ މަހުގެ 15 ވަނަ ދުވަހު އޭނާއާ ހަވާލުކުރި ޕްރޮޖެކްޓުގެ މަސައްކަތް އޭނާ މިހާރު ވެސް ގެންދަވަނީ ކުރައްވަމުންނެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ މަގާމު ޔުމްނާ އަދާ ކުރައްވަމުން ގެންދަވަނީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެއްވުމަށް ފަހު ކަމަށެވެ. އެތަނުން އެއް ޕްރޮޖެކްޓަކީ 'އދ. އެސްކޭޕް' އިން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ހިންގި ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓަކީ އދ. އިން ކޮންސަލްޓަންޓް ހޮވާ މުސާރަ ދިން ޕްރޮޖެކްޓެއް ކަމަށެވެ
ދެވަނަ ޕްރޮޖެކްޓަކީ ޖެންޑާ މިނިސްޓްރީން އިއުލާނު ކޮށްގެން، ޔުމްނާ ކުރިމަތިލައްވައިގެން އިޖުރާއަތްތަކާ އެއްގޮތަށް އޭނާއަށް ލިބުނު ޕްރޮޖެކްޓެއް ކަމަށާއި އެއީ ޖެންޑާ މިނިސްޓްރީން ހަދާ މެނުއަލްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށް މިއުވާން ވިދާޅުވިއެވެ. އެ ޕްރޮޖެކްޓަށް މީހުން ހޮވީ މިނިސްޓްރީގެ ޕެނަލަކުން ނޫން ކަމަށާއި އެއީ މިނިސްޓްރީން ބޭރުގެ ތިން މީހުންގެ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓަކީ ދާއިމީ ޕްރޮޖެކްޓެއް ނޫން ކަމަށާއި އޭނާ ކޮންސަލްޓަންޓަކަށް ނަގާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތައް ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.