އުސޫލުތަކާ ހިލާފަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ މަސައްކަތެއް ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި އެކުންފުނީގެ ކުރީގެ ސީއީއޯ އަދި މިހާރު މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންސްޕާގެ ސީއީއޯކަން ކުރެއްވި މުޖުތަބާގެ މައްޗަށް އޭސީސީން ތުހުމަތު ކުރަނީ 2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފަންގިފިލާތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް، އުސޫލުތަކާ ހިލާފަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި ކަމުގެ ތުހުމަތެވެ.
އޭސީސީން ބުނީ، އެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް އެދި މުޖުތަބާ ސޮއިކޮށް، އެންސްޕާ އިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ސިޓީ އާ އެކު ފޮނުވި ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރި އާ ގުޅުން އޮންނަ، އަދި މުޖުތަބާ އާ ވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށަހަޅާފައިވާ ކޯޓޭޝަންތަކެއް ކަން އޭސީސީގެ ތަހްގީގަށް ހާމަވެފައިވާ ކަމަށެވެ.
އެހެންކަމުން، މުޖުތަބާގެ މައްޗަށް ދެ ދައުވާ އެއް ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އަށް ވަނީ ފޮނުވައިފައެވެ. އެ ދެ ދައުވާ އަކީ:
- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
- ގާނޫނުލް އުގޫބާތުގެ ދަށުން ކުރާ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންސްޕާގެ ސީއީއޯގެ މަގާމުން ވަކިކުރުމަށް ފަހު 2017 މޭ ގައި ޑެޕިއުޓީ އިކޮނޮމިކް މިނިސްޓަރު ކަމަށް އައްޔަނުކޮށްފައިވެއެވެ. ނަމަވެސް މަގާމާ ހަވާލުވިތާ ދެ މަސް ފަހުން އެ މަގާމުން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ހޮވި މުޖުތަބާ އަށް މަހަކު މުސާރައިގެ ގޮތުގައި 20،500 ރުފިޔާގެ އިތުރުން، 15 ހާސް ރުފިޔާގެ އިނާޔަތްތައް ލިބެއެވެ.