އެމްޑީޕީގެ މެންބަރުގެ ދަފްތަރު އިސްލާހު ކުރުމާއި އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ނުދޭނެ ކަމަށް ބެލެވޭ އަސްލު އެމްޑީޕީގެ މެންބަރުން ރައީސް ސޯލިހު ވަކިކޮށްފައި ވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތަކާ ގުޅިގެން "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އެކަމުގައި އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ 39 ހާހަށް ވުރެ ގިނަ މެންބަރުން ޕާޓީން ބޭރު ކުރައްވާފައި ވާ ކަމަށެވެ. އެމްޑީޕީގެ ދަފްތަރު ސާފުކޮށް، ޕާޓީން ބައެއް މެންބަރުން ވަކިކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ރައީސަށް ޕްރައިމަރީގައި ވޯޓު ނުދޭނެ ކަމަށް ބެލެވޭ އެމްޑީޕީގެ މެންބަރުން ޕާޓީން ވަކިކުރެއްވި ކަމުގެ ތުހުމަތު ކުރައްވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން އެދޭ ކެންޑިޑޭޓުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ނަން ހުށަހަޅަން އެ ޕާޓީން އަންގާފައި ވާއިރު، ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ހާމަކުރެއްވީ ރައީސް ސޯލިހާއި ރައީސް ނަޝީދެވެ. ކޮންމެ ކެންޑިޑޭޓަކު ވެސް ފޯމް ހުށަހަޅުއްވާ އިރު، ފޯމް ހުށަހެޅުއްވޭނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދާ އެކުގައެވެ. އެހެންކަމުން މިހާރު ދެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް ތާއީދު ފޯމް ފުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަގެންދެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރިމައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގައެވެ.