އެމްޕީއެލްއިން ކުރިއަށް ގެންދަން ނިންމާފައިވާ ފަޔާ އެންޑް ރެސްކިއު ޑްރިލްގެ ސަބަބުން އެމްޕީއެލް ސަރަހައްދުގެ ގެތަކަށް ދުމުގެ އަސަރު ކޮށްފާނެތީ ސަމާލުވުމަށް އެ ކުންފުނިން އަންގައިފިއެވެ.

އެމްޕީއެލްއިން ބުނީ ޑްރިލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރުފަހު 1 އިން ހަވީރު 5 އަށް ކަމަށެވެ. އަދި އެއީ ފަޔާ އެންޑް ރެސްކިއު ޑްރިލްއެއް ކަމަށް ވާތީ އެސަރަހައްދުގެ ބައެއް ގެތަކަށް ދުމުގެ އަސަރު ކޮށްފާނެ ކަމަށާއި އެހެންކަމުން ދޮރުތައް ލެއްޕުމަށް އެދޭކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެ ޑްރިލް ކުރިއަށް ގެންދަނީ ސަލާމަތީ މިންގަނޑުތައް ހަރުދަނާކޮށް، ކުއްލި ހާލަތެއްގައި ތައްޔާރަށް ތިބުމުގެ ގޮތުން ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ވަނީ އެ ޑްރިލް ކުރިއަށްދާ ވަގުތުގައި އެ ސަރަހައްދުގެ ގެތަކުގެ ކުޑަދޮރުތަކާއި ދޮރުތައް ބަންދުކޮށް ރައްކާތެރިކޮށް ބެހެއްޓުމަށާއި ބޭރަށް ނުކުމެ އުޅޭ ނަމަ ލޮލާއި ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެ ޑްރިލްގެ ވަގުތުގައި އާންމުންނަށް ދިމާވެދާނެ އުނދަގުލަކަށް މާފަށް އެދޭކަމަށް ވެސް ބުނެއެވެ.

އެމްޕީއެލްއިން މިހާރު ކުރިއަށް ގެންދާ ޕޯޓް ސޭފްޓީ ވީކުގެ ތެެއިން މިދިޔަ ބުދަ ދުވަހު ވަނީ "ޕޯޓް ސޭފްޓީ ފޯރަމް" ނަމުގައި ފޯރަމެއް ވެސް ބާއްވާފައެވެ.