ޕާކިސްތާނުގެ ހުޅަނގު ބިތުގައި އޮންނަ ކުޑަ ސިޓީއެއްގެ ޕޮލިސް ސްޓޭޝަނަށް ވަދެ އެތަން ހިސޯރު ކުރި ތޯލިބާނުގެ 33 މީހުން މަރާލައި އެރާ ތިބި 6 އޮފިސަރުންނާއި ރަހީނުކޮށްފައި ތިބި މީހުން ސަލާމަތް ކޮށްފިއެވެ.
ޕާކިސްތާންގެ ތޯލިބާން ޖަމާއަތް ކަމުގައިވާ ތެހެރީކް އޭ ތޯލިބާން ޖަމާއަތަށް ނިސްބަތްވާ މީހުން އެތަނަށް ވަދެގަނެ އެވަގުތު އެތާ ތިބި އެންމެން ހިސޯރު ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެދުވަހުން ސުރެ، ޕާކިސްތާންގެ އަސްކަރިއްޔާއިން ދިޔައީ އެމީހުންނާ ވާހަކަ ދައްކައިގެން ސުލްހަވެރި ކަމާއެކު މީހުން ދޫކޮށްލާތޯ ވާހަކަ ދައްކަމުންނެވެ. ނަވަމެސް ކޮޅެއް ނުފެނުމުން، އެންމެ ފަހުން ސްޕެޝަލް ފޯސަސް އެތަނަށް ވަދެގަތީ ކަމަށާއި އަދި އެތަން ހިސޯރު ކޮށްގެން ތިބި 33 މީހަކު މަރާލި ކަމަށް ބައެއް ހަބަރުތަކުގައި ބުނެއެވެ. އެހެން ބައެއް މަސްދަރުތަކުން ބުނަނީ 20 މީހެއް ކަމަށެވެ.
ޕާކިސްތާންގެ ތޯލިބާން ޖަމާއަތަކީ އަފްގާނިސްތާންގެ ތޯލިބާނުންނާ ގުޅުން އޮންނަ ބައެއް ކަމަށް އަލްޖަޒީރާގައި ރިޕޯޓު ކުރެއެވެ.
އެ މީޑިއާއިން އިތިރަށް ބުނީ، އެ ޕޮލިސް ސްޓޭޝަނަށް ވަދެ އެތަން ހިސޯރު ކުރި މީހުން ބޭނުން ވަނީ ރައްކާތެރި ކަމާއެކު އަފަގާނިސްތާނަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް ކަމަށެވެ. އަދި އެމީހުން ތިބީ ރަހީނުން ދޫކޮށްލާ ގޮތަށް ކަމަށާއި ނަމަވެސް އަފްގާނިސްތާނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ލިބެންދެން ރަހީނުން ހިފަހައްޓާ ގޮތަށް ކަމަށް އަލްޖަޒީރާ ރިޕޯޓަރު ބުނެއެވެ.
މިކަން ހިނގާދިޔަ ގޮތުގެ މާ ތަފްސީލު މައުލޫމާތުތަކެއް އަދި ނުލިބޭ އިރު މިކަމާ ގުޅިގެން ޕާކިސްތާނުގެ މައި ސަރުކާރުންެވެސް އަދި މާ ގިނަ ވާހަކައެއް ނުދައްކައެވެ.