ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގަތުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އަށް ފޮނުވައިފިއެވެ.

އެ މައްސަލައިގައި އޭސީސީން ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ ހެލްތު މިނިސްޓްރީގައި ކުރިން މަސައްކަތް ކުރި ތިން މުވައްޒަފަކަށެވެ. އެ ތިން މީހުންނަކީ:

  • ޝިޔާމާ މުހައްމަދު، ޕިންކް ހައުސް / އައްޑޫ ފޭދޫ (ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު)
  • އަހްމަދު އަސްލަމް، ބޯގަންވިލާ / ތ. ކިނބިދޫ (ކުރީގެ ޑިރެކްޓަރު)
  • އަލީ ޝިހާމް. ފެއަރީގާޑެން / ލ. ގަން (ކުރީގެ ލީގަލް އޮފިސަރު)

އޭސީސީން ބުނީ، އެ ތިން މީހުންގެ މައްޗަށް ކުރުމަށް އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތަށް ފައިދާ އެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. ހަމަ އެއާއެކު އެ މައްސަލައިގައި ދައުލަތަށް ގެއްލުނު 31.1 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ވެސް އޭސީސީން ވަނީ އެދިފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީން މައްސަލަ ތަހްގީގުކޮށް އެންމެ ފުރަތަމަ ދައުވާކުރަން އެދި ޕީޖީ އަށް ފޮނުވާފައި ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 10 މުވައްޒަފެއްގެ މައްޗަށެވެ. ހަތަރު ފަހަރެއްގެ މަތިން އޭސީސީން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ނަމަވެސް ތަހްގީގު ފުރިހަމަނުވާ ކަމަށް ބުނެ، ޕީޖީން ވަނީ ހުރިހާ ފަހަރަކު ވެސް މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

އެހެންކަމުން އެ 11 މީހުންގެ ތެރެއިން އަށް މީހެއްގެ މައްސަލަތައް ވަނީ ފައިލްކޮށްފައެވެ.

ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް އާ 75 ވެންޓިލޭޓަރެއް ހޯދުމަށް ކޮވިޑުގެ ދުވަސްވަރު ހެލްތު މިނިސްޓްރީން 30 މިލިއަން ރުފިޔާ އަށް ހަވާލުކުރިއެވެ. ނަމަވެސް އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ފޮނުވީ 15 ވެންޓިލޭޓަރެވެ.

ބާކީ ހުރި ވެންޓިލޭޓަރުތައް ނުފޮނުވާ ހުރިއިރު ފައިސާ ވެސް އަނބުރާ ނުދިނުމުން އެ މައްސަލަ އާބިރޭޝަނަށް ހުށަހެޅުމަށް އޮތީ ނިންމައިފައެވެ.