44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަނެ ވެރިއަކަށް ވި ބިލިއަނަރު އެލޮން މަސްކް، "ބޮސް" ގެ މަގާމުން އިސްތިއުފާ ދޭން ޓްވިޓާ ބޭނުން ކުރާ މީހުން ވޯޓު ދީފިއެވެ.

ބޮސްގެ މަގާމުން އިސްތިއުފާ ދޭން ފެނޭތޯ ނޫންތޯ އަހާ މަސްކް ހުޅުވާލި ޕޮލް އަކަށް ވޯޓު ދިން މީހުންގެ 57.5 ޕަސެންޓް މީހުން ބުނީ ބޮސް ގެ މަގާމުން އޭނާ އިސްތުއުފާ ދޭން ޖެހޭ ކަމަށެވެ. މަސްކްގެ 122 މިލިއަން ފޮލޯވަރުންނަށް އަމާޒުކޮށް އޭނާ ކުރި ސުވާލުގެ ޖަވާބުަގައި 17.5 މިލިއަން ޔޫޒާސް ވަނީ ބައިވެރިވެ ވޯޓު ދީފައެވެ.

މި ޕޮލް ހުޅުވާލަމުން މަސްކް އޭރު ބުނެފައި ވަނީ އެ ކުންފުނީގެ ބޮސް އެއްގެ ގޮތުގައި ދެމިހުރުމާ މެދު އެ ވޯޓުގެ ނަތީޖާއަށް އޭނާ އިހުތިރާމް ކުރާނެ ކަމަށެވެ.

ޓްވިޓާ ގަނެ، އެ ކުންފުނީ ބޯޑް އޮފް ޑިރެކްޓަރުންގެ އެންމެން ވަކިކޮށް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި އެކުންފުނީގެ އޮފީސްތަކުން މުވައްޒަފުން ކަނޑާ، މުޅިތަން އޯވާހޯލް ކުރަން ކުރި މަސައްކަތުގެ ސަބަބުން އޭނާއަށް އެތައް ބައެއްގެ ފާޑުކިޔުން ދަނީ އަދިވެސް އަމާޒު ވަމުންނެވެ. އެންމެ ފަހުން އޭނާއަށް ކުރިމަތި ވި ފިއްތުންތަކުގެ ތެރޭގައި، އެމެރިކާގެ މަޝްހޫރު ބައެއް ނޫސްތަކުގެ ޖާނަލިސްޓުންގެ އެކައުންޓް ބްލޮކް ކުރި މައްސަލާގައި އދ އާއި އީޔޫގެ ފިއްތުން ވެސް ކުރިމަތި ވިއެވެ. ނަމަވެސް މިހާރު އެ އެކައުންޓްތައް އޭނާ ވަނީ އަލުން ރީއެކްޓިވޭޓް ކޮށްދީފައެވެ.

އިކެލްޓްރޯނިކް ވެހިކަލް ކުންފުނި ޓެސްލާ އާއި ޖައްވައް ދަތުރު ކުރާ ރޮކެޓް ކުންފުނި ސްޕޭސް އެކްސް ގެ ވެސް ވެރިޔާއަށް ޓްވިޓާއިން ކުރަން ޖެހޭ ތަޖުރިބާ އެއްގޮތަކަށްވެސް ރަނގަޅު ނޫން ކަމަށް މުރާސިލުން ބުނެއެވެ.

ޓްވިޓާގެ ޗީފް އެކްޒެކެޓިވް (ބޮސް) ކަމުން މަސްކް އިސްތިއުފާ ދޭން ގިނަ ބަޔަކު ވޯޓު ދިން ނަމަވެސް އެކުންފުނީގެ ވެރިއަކަށް ހުންނާނީ އަދިވެސް މަސްކް އެވެ.

މީގެ ކުރިން ޓްވިޓާ މެދުވެރިކޮށް މަސްކް ނެގި މިފަދަ ކޮންމެ ޕޮލް އެއްގެ ނަތީޖާއަށް އޭނާ އިހުތިރާމް ކޮށްފައި ވާ އިރު މިފަހަރުގެ ޕޮލްގެ ނަތީޖާއަށްވެސް އޭނާ އިހުތިރާމް ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މަސްކް އިސްތިއުފާ ނުދޭން 42.5 ޕަސެންޓް މީހުން ބުނެފައި ވާ މި ޕޮލް އާ ގުޅިގެން މަސްކްގެ ނިންމުން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.