މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން އިންތިޒާމުކޮށްގެން އެންޓަޕްރައިޒް ރިސްކް މެނޭޖްމެންޓް ފޯރަމެއް ބާއްވައިފިއެވެ.
އެ ފޯރަމަކީ އެންޓަޕްރައިޒް ރިސްކް މެނޭޖްމެންޓާއި ގުޅޭ ގޮތުން އެ ކުންފުނިން ބޭއްވި ފުރަތަމަ ފޯރަމަށްވާއިރު އެފޯރަމް ބާއްވާފައި ވަނީ އެއް ދުވަހުގެ މުއްދަތަށް ޕެރެޑައިސް އިއިލޭންޑް ރިސޯޓުގައި ކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން ބުނީ އެ ފޯރަމްގެ އެންމެ ބޮޑު އަމާޒަކީ ރިސްކް މެނޭޖްމެންޓަށް އަހުލުވެރިވެ މި ދައިރާއަށް ދޭ އަހަމީއްޔަތުކަން އިތުރު ކުރުން ކަމަށެވެ.
އެ ފޯރަމް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްއިން މިފަދަ ފޯރަމެއް އިންތިޒާމު ކުރީ ފެށުމެއްގެ ގޮތުގައި ބަލައިގެން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ރިސްކް މެނޭޖްމެންޓާއި ގުޅޭ އިތުރު ބައްދަލުވުންތަށް ބާއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އެ ފޯރަމްގައި އެމްޕީއެލްގެ އިސްވެރިންނާއި ދައިރާގެ ގިނަ ތަޖުރިބާކާރުން ބައިވެރިވިއިރު ޕްރައިވެޓައިޒޭޝަން ބޯޑާއި ދައުލަތުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުން ޕެނަލިސްޓުން ގޮތުގައި ބައިވެވަޑައިގެންނެވިއެވެ.