ރާއްޖެ އަށް ކުނި އެތެރެކުރުން ހުއްދަކުރާ ކުނި މެނޭޖުކުރުމުގެ ބިލު މިއަދު ތަސްދީގު ކޮށްފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގު ކުރައްވާފައި ވަނީ، ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަށް ތިމާވެށީގެ ޖަމިއްޔާތައް ހިމެނޭހެން 17 ޖަމިއްޔާއަކުން ގޮވާލާ ބަޔާނެއް ނެރެފައި ވަނިކޮށެވެ.

ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ބިލު މަޖިލީހުން ފާސްކުރުމުގެ ކުރިން ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހަކާ ގުޅިގެންނެވެ. އެ އިސްލާހުގައިވާ ގޮތުން، ކުނި އެތެރެކުރެވޭނީ ހަކަތަ އުފެއްދުމުގެ ބޭނުމަށް މިނިސްޓްރީން ދޫކުރާ ވަކި ހުއްދައެއްގެ ދަށުން އަދި ކަމާ ގުޅޭގޮތުން ހަދާ ގަވާއިދާ އެއްގޮތަށެވެ.

ނަމަވެސް މަޖިލީހުން ގެނައި އެ އިސްލާހަށް ތާއީދުނުކުރާކަން ސަރުކާރުގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބިލު ތަސްދީގުކުރުމަށް ފަހު އަލުން އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ބުންޏެވެ.

އެކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ދަ ޕްރެސް" އަށް ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ބިލު ދިރާސާކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮމިޓީން އެ ބިލުގެ މާއްދާ އަށް ގެނައި އިސްލާހަށް މިނިސްޓްރީން ތާއީދުނުކުރާ ކަމަށެވެ.

އެހެންކަމުން، އަންނަ އަހަރު މަޖިލިސް ހުޅުވުމުން އެ އިސްލާހު ރަނގަޅުކުރުމަށް ކުނި މެނޭޖްކުރުމުގެ ބިލު އަނބުރާ މަޖިލިހަށް ފޮނުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހުގެ 7 ވަނަ ދުވަހު ޒީރޯ ވޭސްޓް މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާއަކުން ނެރުނު ޖޮއިންޓް ބަޔާނެއްގައި ބުނީ، އޭޑީބީ އާއި ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ސަރުކާރުން ހިންގާ ކުނި އަންދައި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ މާހައުލާ ނުގުޅޭ، އަދި މާލީ މާލީ ގޮތުން ވެސް ރާއްޖެއާ ނުބައްދަލު މަޝްރޫއެއް ކަމަށެވެ. ތަރައްގީވަމުންދާ ބައެއް ގައުމުތަކުން މިސާލު ނަގައި ޖަމިއްޔާތަކުން ބުނީ، އެ ގައުމުތަކުން ކުނި އެތެރެކުރަން ފެށުމުން އެ ގައުމުތަކުގައި ކުނި ވަކިކުރުމާއި ނެގުމުގެ ހިދުމަތްތަކަށް ބުރޫ އަރައި، ގަވާއިދާ ހިލާފު ވިޔަފާރިތަކަށް މަގުފަހިވެފައިވާ ކަމަށެވެ.

އެފަދަ ސަބަބުތަކާ ހުރެ ކުނި އެތެރެކުރުމުގެ ސިޔާސަތުތަކާ އެ ގައުމުތަކުން ދެކޮޅުކަން ހާމަކޮށް، ބައެއް ގައުމުތަކުން ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުނެ، އެފަދަ އެތައް ކަންބޮޑުވުންތަކާ އެކު ޖަމިއްޔާތަކުން ވަނީ ކުނި މެނޭޖުކުރުމުގެ ބިލް ތަސްދީގުނުކުރުމަށް ރައީސަށް ގޮވާލައިފައެވެ.