ދެ ކެންޑިިޑޭޓުންނަށް ވުރެ ގިނަ ކެންޑިޑޭޓުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ، ފުރަތަމަ ބުރު ނިމި ދެވަނަ ބުރަކަށް ދާން ޖެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަންނަ އަހަރަށް އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓުން ކޮމިޝަނުން ކުރަން ހުރި ހުރިހާ ކަމެއް އެންމެ ފުރިހަމަ އަށް ނުކުރެވޭނެ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ 42.86 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓެކެވެ. އެ ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނަށް އެންމެ ފުރަތަމަ ކަނޑައަޅާފައި ވަނީ 120 މިލިއަނެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ބަޖެޓަށް ދިރާސާކޮށް ތަޅުމަށް ހުށަހަޅައި ފާސްކުރި ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާފައި ވަނީ 92 މިލިއަން ރުފިޔާއެވެ. އެއީ އެ ކޮމިޝަނުން އެދުނު ވަރަށް ވުރެ 28 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ކުރިއަށް އޮތް އަހަރަކީ ރާއްޖޭގައި ބާއްވާ ބޮޑު ތިން އިންތިހާބުގެ ތެރެއިން އެންމެ ބޮޑު އިންތިހާބު ބާއްވާ އަހަރު ކަމަށްވާއިރު، އެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ވަނީ ވަގުތީ މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފައެވެ. ހަމަ އެއާއެކު، ރަށްރަށުގަ އާއި ބޭރު ބައެއް ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަން ޖެހޭއިރު، އަދި އިންތިހާބަށް އޮފިޝަލުން ތަމްރީނުކުރަން ޖެހޭއިރު، އެއީ އިލެކްޝަންސް ކޮމިޝަނުން ކޮންމެ އިންތިހާބަކާ ގުޅިގެން ހަރަދުކުރަން ޖެހޭ ކަންކަމެވެ.
އޭގެ އިތުރުން، އިންތިހާބަކީ ސައްހަ އިންތިހާބަކަށް ހެދުމަށްޓަކައި ވޯޓުލާން ބޭނުންކުރާ ކަރުދާސްތަކުގައި ސެކިއުރިޓީ ފީޗާސް ހިމަނަން ޖެހޭ އިރު، އެކަމަށް ވެސް އެކަށީގެންވާ ވަރަކަށް ހަރަދުތައް ހިނގާނެއެވެ. ނަމަވެސް ތަކެތީގެ އަގުބޮޑުވުމާއި އިންފްލޭޝަން މަތިވުމުގެ ސަބަބުން ފަހަރުގައި ވޯޓުލާ ކަރުދާސްތަކުގައި ހުރިހާ ފީޗާތަކެއް ނުހިމެނުން އެއީ އެކަށީގެންވާ ކަމެކެވެ.
"ދަ ޕްރެސް" އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުވާދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެދުނު ވަރަށް ދައުލަތުގެ ބަޖެޓުގައި ހަމަޖައްސާފައި ނެތުމުން އެ ކޮމިޝަނުން ކަނޑައަޅާފައި ހުރި ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ކުރެވިގެން ނުދާނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ބޮޑުތަން ހަރަދު ކުޑަކޮށް މަސައްކަތްކުރަމުންދާ ކަމަށާއި، ރަނގަޅު ވަގުތުގައި ފިނޭންސް މިނިސްޓްރީން މަދުވާ ފައިސާ ކޮމިޝަނަށް ދޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ފުވާދު ވިދާޅުވީ އަންނަ ސެޕްޓެމްބަރު ހިސާބުގައި ރިޔާސީ އިންތިހާބު ބާއްވާނެ ކަމަށް ލަފާކުރެވޭއިރު، ދައުލަތުން މިހާރު ކަނޑައަޅާފައިވާ ބަޖެޓުން އިންތިހާބުގެ ފުރަތަމަ ބުރާ ހަމައަށް އެއްވެސް ދަތިކަމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހޭނެ ކަމަށް ލަފާކުރައްވައި އޭނާ ވިދާޅުވި ގޮތުގައި އެ ހިސާބުން ކަމާބެހޭ މުއައްސަސާތަކާއި އިދާރާތަކާ ވާހަކަ ދައްކައިގެން މަގެއް ހޯދަން ކޮމިޝަނަށް ޖެހޭނެއެވެ.
"އެހެންވެއްޖިއްޔާ އެ މަދުވާ ފައިސާ އާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީގަ ވެސް ދަންނަވައިގެން ފިނޭންސް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ އަރިހުގަ ވެސް، އަދި ރައްޔިތުންގެ މަޖިލިސްގެ ކަމާބެހޭ ކޮމިޓީތަކުގަ ވެސް ދަންނަވައިގެން މަގެއް ހޯދޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ." ފުވާދު ވިދާޅުވިއެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، 2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ބޭއްވި އިރު ވެސް އިލެކްޝަންސް ކޮމިޝަނަށް ބަޖެޓުގައި އޭރު ކަނޑައަޅާފައި އޮތް ވަރަށް ވުރެ މާ ގިނައިން ހަރަދުތައް ކުރަން ޖެހުމެވެ.
އެހެންކަމުން މި އަހަރު ވެސް އެބީދައިން އިތުރަށް ހޯދަން ޖެހޭނެ ކަމަށް ލަފާކުރެވޭ ފައިސާ ހަމަޖެހިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފުވާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ ބަޖެޓާ ގުޅުންހުރި ކަންބޮޑުވުންތަކެވެ. ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަދުވެ، ކޮންމެ މަހަކު އެއް ފަހަރަށް ވުރެ ގިނައިން ބައި އިލެކްޝަންތައް ބާއްވަން ޖެހުމުގެ ސަބަބުން އެ ކޮމިޝަންގެ ބަޖެޓަށް ބާރު ބޮޑުވުމުގެ ޝަކުވާ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ވެސް އެ ކޮމިޝަނުން ހިއްސާކޮށްފައިވެއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން އަންނަ މަހުގެ 28 ގައި ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވާއިރު، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވައިފައެވެ.
ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނެ ކަމަށް އެ ކޯލިޝަނުން އިއުލާނުކޮށް، ކޯލިޝަންގެ ސެނެޓުގެ އިއްތިފާގުން ރިޔާސީ ޓިކެޓު ދީފައި ވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށެވެ. ނަމަވެސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ކަށަވަރު ވާނީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ހުކުމް އަންނަ ގޮތަކުންނެވެ.
ޔާމީންގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ކަށަވަރުވެފައިވާއިރު، އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވަނީ އިއުލާނު ކުރައްވައިފައެވެ.