ޔޫކްރައިން އިން ހަދިޔާ ކުރި ގްރިނޭޑް ލޯންޗާ (އަތުބޮން ލޯންޗް ކުރާ އާލާތެއް) އަކާ ކުޅުއްވަނިކޮށް ޕޮލަންޑްގެ ފުލުހުންގެ ޗީފް ޒަހަމްވެއްޖެއެވެ.

ޖަރެސްލޯވް ޒިމްޒީކްސް ރޭޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާ ޔޫކްރައިން އަށް ކުރެއްވި ދަތުރުގައި ހަދިޔާއެއްގެ ގޮތުގައި ގްރިނޭޑް ލޯންޗަރުގެ 2 އެތި ލިބިވަޑައިގަން ކަމަށާއި ޕޮލަންޑްގެ ވާސޯ ގައި ހުންނަ އޭނާގެ އޮފީހުގައި އެތަކެއްޗާ ކުޅެނިކޮށް އެތަނުން އެކަތި "ލައުޑް ސްޕީކަރެއް ހެން" ގޮވީ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ތަކެއްޗަކީ ޔޫސްޑް (ބޭނުން ކޮށްފައި ހުރި) ތަކެތި ކަމަށާއި، އެފަދަ ހާދިސާއެއް ހިނގާފާނެ ކަމުގެ އިހުސާސެއް ނެތް ކަމަށެވެ.

"އަހަރެން އެތަކެތި ކޮޅުކޮޅަށް އަނބުރާލައި އެކޮޅުކޮޅުން ޖެހީ، ދެން ކުއްލިއަކަށް އެކަތި ގޮވީ"

މި ހާދިސާގައި އޭނާ ކުޑަކޮށް ޒަހަމް ވެފައި ވާ އިރު އޭނާ ވަނީ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައެވެ. އަދި ހާދިސާ ހިނގި ވަގުތު އެތާ ހުރި ސިވިލް ސްޓާފެއްވެސް ކުޑަކޮށް ޒަހަމްވި ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެންދާ ވަރު ނުވާ ކަމަށް ޕޮލިސް ފުލުހުން މައުލޫމާތު ދެއެވެ.

މިހާދިސާ އާ ގުޅިގެން، ޔޫކްރައިން ގެ އޮފިޝަލުން ބުނީ، ހަދިޔާ ކުރި ދެ ލޯންޗަރަކީ ލޯޑް ކޮށްފައި (ގްރިނޭޑާއެކު ލޯންޗް ކުރެވޭ ގޮތަށް) އޮތް 2 ލޯންޗަރު ނޫންކަމަށާއި އެ ހާދިސާ ހިނގަން ދިމާވި ސަބަބު ބުނަން ނޭނގޭ ކަމަށެވެ.