ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓާއި މޮބައިލް ބޭންކިން އަށް އޮތެންޓިކޭޓާ އެޕްލިކޭޝަންތައް ބޭނުން ކުރެވޭ ގޮތް ހަދައިފިއެވެ.

ބީއެމްއެލް އިން ބުނީ، އެކައުންޓުގެ މުއާމަލާތް ތަކަށް މިހާރު އޯޓީޕީ ޖެނެރޭޓް ކުރުމަށް ފޯނުގައި އޮތެންޓިކޭޓާ އެޕްލިކޭޝަނެއް ބޭނުން ކުރެވޭނެ ކަމަށެވެ. އޭގެ ސަބަބުން ސެކިއުރިޓީގެ އިތުރު ފަށަލައެއް އިތުރުކޮށް، އެ މުއާމަލާތް ކުރަނީ ތިބާކަން ކަށަވަރު ކޮށްދޭނެ ޕީޗާއެއް ކަމަށާއި އެކަމުގެ ސަބަބުން ފަސޭހަ އަދި ރައްކާތެރިކަން ކަށަވަަރު ވެގެންދާނެ ކަމަށެވެ.

އޮތެންޓިކޭޓާ އެޕްލިކޭޝަން ބޭނުން ކުރުމަށް:

  1. އިންޓަނެޓް ބޭންކިންގައި "ސެޓިން" ހުޅުވައި ނުވަތަ މޮބައިލް ބޭންކިން އެޕްލިކޭޝަންގައި "އެޕްލިކޭޝަންސް" އަށް ދިއުން
  2. "އޮތެންޓިކޭޓާ އެކްޓިވޭޓް" ކުރުމަށް ތިރިއަށް ސްކްރޯލް ކުރުން
  3. އެއަށް ފަހު ކުރިއަށް ގެންދަން އިރުޝާދުދޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ކިއުއާރް ކޯޑް ސްކޭން ކުރުމަށް އޮތެންޓިކޭޓާ އެޕެއް ޑައުންލޯޑް ކުރުން
  4. ވެރިފައިކޮށް އެކްޓިވޭޓް ކުރުމަށް އޮތެންޓިކޭޓާ ކޯޑް ޖަހާލުން

އޮތެންޓިކޭޓާ އެޕް އޯޓީޕީ ޗެނަލެއްގެ ގޮތުގައި އެކްޓިވޭޓް ކުރުމުން ޑިފޯލްޓްގެ ގޮތުގައި އީމެއިލް އޯޓީޕީ އޮޓޮމެޓިކުން "ޑިސްއޭބަލް" ވާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އީމެއިލް އޯޓީޕީ ލިބޭ ގޮތަށް އަލުން ހަދަން ބޭނުން ވާ ނަމަ، ވެރިފައި ކުރިމަށް އެސްއެމްއެސް ނުވަތަ އޮތެންޓިކޭޓާ އޯޓީޕީ ޖެހުމަށްފަހު ބަދަލު ކުރެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ފައިސާގެ މުއާމަލާތް ކުރާ އިރު އޯޓީޕީ ކޯޑެއް ގެ ގޮތުގައި އެއް ފަހަރު ބޭނުން ކުރެވޭ ކޯޑެއް ބީއެމްއެލް އިން ފައިސާގެ މުއާމަލާތް ކުރާ ފަރާތަށް ފޮނުވައެވެ. މި ކޯޑް މީގެ ކުރިން ފޮނުވަނީ މޯބައިލް ފޯނަށާއި އީމެއިލް އަށެވެ. ނަމަވެސް ފަހުން ގެނައި ބަދަލާ އެކު މޯބައިލް އާއި އީމެއިލް ގެ އިތުރުން އޮތެންޓިކޭޓާ ފީޗާއެއް ވަނީ ހިމަނާފައެވެ.

ފައިސާގެ މުއާމަލާތް ކުރާ އިރު އެ މުއާމަލާތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ބީއެމްއެލް އިން ހިއްސާ ކުރާ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް ބީއެމްއެލް އިން އިލްތިމާސް ކުރެއެވެ.