ހިލޭ ފިރިހެނަކާ ކިސް ކޮށްގެން (ދޮން ދީގެން) ސޫދާންގެ އަންހެނަކު 6 މަހަށް ޖަލަށް ލައިފިއެެވެ. ކިސް ކުރި މައްސަލައިގައި އެންމެ ފުރަތަމަ އޭނާއަށް އައި ހުކުމަކީ ގަލުން ތަޅާ ރަޖަމް ކުރާށެވެ. ނަމަވެސް ބައިނަލްއަގުވާމީ ފަރާތްތަކުގެ ޕްރެޝަރާ ހެދި ދައުވާ ބަދަލުކޮށް، ޖަލަށް ލާން ހުކުމް ކުރީއެވެ.

ސޫދާންގެ ވައިޓް ނީލް ސްޓޭޓްގެ ކޮސްޓީ ކޯޓުން އެ އަންހެން މީހާގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލީ، ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ކުށުގައެވެ. އެ ކުށަށް ކޯޓުން ކަނޑައެޅި ހުކުމަކީ ރަޖަމް ކުރުމެވެ.

ނަމަވެސް އެއީ އާންމު އަހުލާގީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ކަނޑައަޅާ ދައުވާ ބަދަލުކޮށް ރަޖަމް ކުރަން ކުރި ހުކުމް ޖަލު ހުކުމަށް ބަދަލު ކުރީއެވެ.

މީހަކާ އިނދެ ވަރިކޮށްފައި ހުރި އުމުރުން 20 އަހަރުގެ މި އަންހެން މީހާ ފުލުހުން ހައްޔަރު ކުރީ، ތިމާގެ މީހަކު އޭނާގެ ބޯއީފްރެންޑް މަރާލި ހާދިސާއަށް ފަހުގައެވެ. އެހާދިސާ ހިނގި ގޮތުގެ ތަފްސީލުތައް ސާފު ނުވިނަމަވެސް އަންހެން މީހާ ހައްޔަރު ކުރީ އެ ފިރިހެން މީހާ އާ ކިސް ކުރި މައްސަލައިގައެވެ. އަދި އޭނާ ވަނީ އެ ކަމަށް އިއުތިރާފް ވެސް ވެފައެވެ.

ސޫދާނަކީ މުސްލިމް ގައުމެއްގެ ގޮތުގައި އޮންނަ ގައުމަކަށް ވާ އިރު އެގައުމުގައި މިހާރުވެސް ބައެއް ކަންކަމުގައި އަމަލު ކުރަނީ ސުންނަތާ އެއްގޮތަށެވެ. އެގޮތުން ވައްކަން ކޮށްފި ނަމަ އަތް ކެނޑުމާއި ޒިނޭ ކޮށްފި ނަމަ ހައްދު ޖެހުން ފަދަ ހުކުމްތައް ތަންފީޒު ކުރެއެވެ.

ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމު ކަމުގައި ވާ ސޫދާންގައި 2021 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަނީ ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތަކުންނެވެ. އެގައުމުގައި ދިރިއުޅޭ އާބަދީގެ 95 ޕަސެންޓް މީހުންނަކީ ބޮލަކަށް ދުވާލެއްގެ މައްޗަށް 1.9 އެމެރިކާ ޑޮލަރު ނުޖެހޭ މީހުންނެވެ.