ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާއިން އެންމެ ފަހުން ދިން ލޯންގެ މައުލޫމާތުތައް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމަށް އެނގިވަޑައި ނުގަންނަވާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ގަވަރުނަރާ ބައްދަލަު ކޮށްފައެވެ. އެއަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ އެ ކޯލިޝަންގެ އިސްވެރިން ވަނީ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ.

އިދިކޮޅު ސިޔާސީ ޕާޓީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ޕާޓީން ރާއްޖޭގެ އިގުތިސޯދާ ގުޅޭގޮތުން ކަންބޮޑުވި ކަންތަތަކާ ގުޅިގެން ގަވަރުނަރާ ބައްދަލުކޮށް ސުވާލު ކުރުމުން އެއިން އެއްވެސް ކަމަކަށް ޖަވާބެއް ނުދެއްވުނު ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ކަންބޮޑުވެވަޑައިގަތީ އިންޑިއާ އިން ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ގަވަރުނަރަށް އެނގިވަޑައި ނުގަންނަވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން އެންމެ ފަހުން ނެގި 100 މިލިއަން ޑޮލަރުގެ ޓާމްސްތަކާއި އިންޓްރެސްޓް ގަވަރުނަކަށް އެނގިވަޑައި ނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ މާލީ މުއާމަލާތްތަކުގެ ތަފްސީލް މަރުކަޒީ ބޭންކުގެ ގަވަރުނަރަށް ހިއްސާ ނުކޮށް އޮތުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަ ކުރެއްވިއެވެ. މިއަދު ގަވަރުނަރާ އެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ގަވަރުނަރަށް ހަމައެކަނި އެނގޭ ކަމަކީ "ކުރިއަށް އޮތް ވިއްސަކަށް ދުވަހަށް ހިފަހައްޓާ ލެވިދާނެ" ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ސަރުކާރުން އިންޑިއާއާ އެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އަންނާނީ ކޮން ކަހަލަ ގޮންޖެހުންތަކެއް ކަމެއް އަދި ކުރިމަތިލާން ޖެހޭނީ ކޮން ކަންތައްތަކެއް ކަން ވެސް ގަވަރުނަރަށް އެނގިވަޑައިނުގަންނަވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އެ އެއްބަސްވުންތަކާއި ރާއްޖޭގެ އިގުތިސޯދާ ގުޅެނީ ކިހާ ވަރަކަށް ކަމަށް ގަވަރުނަރަށް އެނގެން ޖެހޭނެ ކަމަށާއި ރާއްޖޭގެ އިގުތިސޯދީ، ގާނޫނީ ގޮތުން މެނޭޖުކުރަން ޖެހެނީ ގަވަރުނަރަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖެއަކީ އިގުތިސޯދީ ގޮތުން ހަމަޖެހޭ ގައުމެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު ރިޒާވްގައި އެތައް މިލިއަން ޑޮލަރެއް ހުއްޓަސް މި ވެރިކަމާއެކު އެ ހުރިހާ އެއްޗެއް ހުސްވެއްޖެ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅުވައިގެން ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވަނީ ރިޒާވްގައި މިހާރު ހުރި އަދަދު 90 މިލިއަން ޑޮލަރަށް ކުޑަވެގެން ދިއުމުން ކަންބޮޑުވުމެއް ނުވާނެތޯ އައްސަވާ، ސުވާލު އުފައްދަވާފައެވެ. ހަމައެއާއކު ރާއްޖެ ޑީ-ފޯލްޓް ވެއްޖެ ކަމަށާއި އެންމެ ފަހުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނުގެ ތަފުސީލާއި އޭގެ އިންޓްރެސްޓް ވެސް ސަރުކާރުން ހާމަނުކުރާތީ ސައިޑު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަައެވެ. އެ ލޯނާ ގުޅޭ ކަންކަން އެމްއެއެމްއޭ އަށް ވެސް ނޭނގެ ކަމަށާއި ޓީ ބިލްގެ މުއްދަތު ހަމަވާ އިރެއް ވެސް މަރުކަޒީ ބޭންކަށް ނޭނގޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެއަށް 100 މިލިއަން ޑޮލަރު ދީފައި ވާއިރު އެ 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދިވެހި ސަރުކާރުގެ ޓްރެޒަރީ ބޮންޑެއްގައި އިންވެސްޓު ކޮށްގެން ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މީގެ އިތުރުން ވެސް އިންޑިއާއިން ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ އެއް ދިނުމުގެ އެއްބަސްވުމުގައި މިމަހު ކުރީކޮޅު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާ ދެމެދު ގާއިމު ކުރި އެއްބަސްވުމަކަށް ވާއިރު އާރުބީއައި އިން ބުނީ މި އެއްބަސްވުމުގެ ދަށުން 200 މިލިއަން ޑޮލަރާ ހަމައަށް ކަނޑައަޅާފައިވާ ސްވޮޕް ފެސިލިޓީއެއް ނެގުމަށް އެމްއެމްއޭ އަށް ފުރުސަތު ލިބޭނެ ކަމަށެވެ.