ގަތަރުގައި މިހާރު ހިނގަމުންދާ ވޯލްޑްކަޕްގެ ފުރަތަމަ މެޗު ބުރުގެ މެޗުތައް ނިންމާލި އިރު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ސެމީއަށް ދާނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރިއެވެ. އެހެން ނަމަވެސް ސެމީގައި އެޓީމާ ދެކޮޅަށް ނިކުންނާނީ މޮރޮކޯއޭ ބުނި މީހަކު ހަމަ ގައިމުވެސް މަދުވާނެއެވެ. ފައިނަލްގައި ކުޅޭނެ އަނެއް ޓީމު އެނގިފައިވާ އިރު އާޖެންޓީނާއާ ދެކޮޅަށް ނިކުންނާނީ ފްރާންސް ކަމަށް ނިންމައިގެން ތިބި ބަޔަކު ވެސް އެބަތިއްބެވެ. އެހެން ނަމަވެސް މުބާރާތުގައި ބެލްޖިއަމް، ސްޕެއިން، އަދި ޕޯޗުގަލް ވެސް ކަޓުވާލާ މިހިސާބަށް އައި މޮރޮކޯއަށް ފްރާންސް ވެސް ބަލި ނުކުރެވޭނެއޭ ބުނެވޭކަށް ނެތެވެ.
ފްރާންސް ނިކުންނާނީ ޖެހިޖެހިގެން ދެ ފައިނަލްގައި ކުޅުމުގެ ހުވަފެން ސީދާ ކުރަން
މިދިޔަ ވޯލްޑްކަޕްގެ ޗެމްޕިއަން ފްރާންސް އަންނަ އާދިއްތަ ދުވަހުގެ ފައިނަލަށް ގޮސްގެން ތަށި އުފުލާލައިފިނަމަ އެޓީމު ވާނީ 60 އަހަރުގެ ތެރޭގައި ޖެހިޖެހިގެން ދެ ވޯލްޑްކަޕް ހޯދާ ފުރަތަމަ ޓީމަށެވެ. އެހެން ނަމަވެސް އޭނގެ ކުރިން ދެ މެޗުން ކާމިޔާބުކުރަން އަދި އޮތް އިރު ކުއާޓާގައި އިންގްލޭންޑް އަތުން ފްރާންސް މޮޅުވީ ހަމަ ކިރިއާއޭ ބުނެވިދާނެއެވެ.
2-1 އިން ފްރާންސް މޮޅުވެގެން ސެމީއަށް އައި ނަމަވެސް އެރޭ ބަލިވެ މުބާރާތުން ކަޓައިގެން ދިޔައީ އެމެޗުގައި މޮޅަށް ކުޅުނު ޓީމެވެ. އެހެން ނަމަވެސް ބައެއް ފަހަރު މޮޅެތި ޓީމުތައް ރަނގަޅަށް ނުކުޅެ ވެސް ނަތީޖާ ނެރުމަކީ އެއްވެސް ކަމަކަށް ނުވާ އިރު ދުނިޔޭގެ ޗެމްޕިއަން ފްރާންސްއަކީ މިހާރު އެފެންވަރުގެ ޓީމެކެވެ. ލިބޭ މަދު ފުރުސަތުތަކުގެ ބޭނުން ހިފާ ސްކޯކޮށްގެން ނަތީޖާ ކަށަވަރުކުރުމަކީ ވެސް ބައެއް މޮޅެތި ޓީމުތަކުން ކަން ކުރާ ގޮތެވެ. ކޮންމެ މެޗެއްގައި ލަނޑު ގޯންޏެއް ޖަހާކަށް ނުޖެހެއެވެ. ނުވެސް ޖެހޭނެއެވެ. އަދި މިރޭ ފްރާންސްގެ ކުރިމަތީގައި އޮތީ މުބާރާތުގައި ފެނިފައިވާ އެންމެ ވަރުގަދަ ޑިފެންސެވެ. މިރޭގެ މެޗުގެ ކުރިން ބެލްޖިއަމް، ސްޕެއިން އަދި ޕޯޗުގަލްގެ ފޯވަޑުން ވެސް މޮރޮކޯގެ ޑިފެންސް ފޫއަޅުވާލަން ކުރި މަސައްކަތްތައް ނާކާމިޔާބުވީ އިރު ފްރާންސްގެ މަސައްކަތްތައް ދާނީ ކިހާ ވަރަކުން ބާއެވެ.
ހަމަ ގައިމުވެސް މޮރޮކޯ އަކީ ކުޑަ ޓީމެއް ކަމަށް ބަލާ މެޗު ފަސޭހަކޮށްލައިގެން ތިބެން ފްރާންސް ބޭނުމެއް ނުވާނެކަން ޔަގީނެވެ. ފޯވްޑް ލައިންގައި ތިބި މަމްބާޕޭ އަދި ޖިރޫ އަކީ ވޯލްޑްކަޕް ލަނޑު ޗާޓުގެ ގަދަ ތިނެއްގައި ހިމެނޭ ދެ ކުޅުންތެރިންނެވެ. އެދެކުޅުންތެރިންނާއެކު ކުޅޭ ގްރިޒްމަން އަކީ އެންމެ ގިނަ އެސިސްޓް ކުރި އެއް ކުޅުންތެރިޔާއެވެ. އެހެން ކަމުން މިރޭގެ މެޗަކީ މޮރޮކޯގެ ގޯލަށް އިދިކޮޅު ކުޅުންތެރިއަކު ލަނޑު ޖަހާނެ ފުރަތަމަ މެޗެއް ވެދާނެއެވެ.
މޮރޮކޯ އޮތީ ތާރީހުގައި ނަން ލިޔެލަން ކެތް މަދުވެފައި
މޮރޮކޯގެ ޓީމާއި މެދު މިހާތަނަށް ލިޔެފައިވާ ތައުރީފުގެ ބަސްތައް ކިޔާފައި ދެން އިތުރަށް ވަކި ބުނާނީ ކީކޭ ހެއްޔެވެ. ވޯލްޑްކަޕްގެ ސެމީއަށް ދިޔަ ފުރަތަމަ އެފްރިކާ އަދި މުސްލިމް ގައުމުން މިހާތަނަށް ވެސް ދެއްކީ ހުސް ނަމޫނާއެވެ. ކުޅުމުގެ ތެރެއިން ވެސް ކުޅުމުގެ ބޭރުން ވެސް މޮރޮކޯގެ ޓީމުގެ ފަރާތުން ފެނުނު އެކި އެކި އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އެތަށް މިލިއަން މުސްލިމް ހިތްތައް މިރޭ އެދި ދުއާ ކުރާނީ ފްރާންސް ކަޓުވާލާ މޮރޮކޯއަށް ފައިނަލް ކަށަވަރުވުމަށެވެ. އެއީ ކޮންމެ މެޗެއްގައި ދައްކާ ހިތްވަރާ އަޒުމެވެ. ކޮންމެ ކާމިޔާބީއަކަށް ފަހު ކުޅުންތެރިންގެ އާއިލާތަކަށް ހާއްސަކޮށް މަންމައިންނަށް ދޭ ލޯތްބާއި އިހްތިރާމަށެވެ. އަދި ކޮންމެ މޮޅަކަށް ފަހު ފަލަސްޠީނުގެ ދިދަ ގައިގައި އޮޅައިގެން ކުޅުންތެރިން އުޅޭ އުޅުމަށެވެ.
މޮރޮކޯގެ ޑިފެންސިވް ކުޅުމަށް ހަޖޫ ޖަހާ މީހުން މަދެއް ނޫނެވެ. މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މޮރޮކޯގެ ކޯޗު ވަލީދު ބުނީ ޔޫރަޕްގެ ކުޅުން އެފްރިކާގެ ޓީމަކުން ދެއްކުމަކީ ވިލާތުގެ ނޫސްވެރިންނަށް ހަޖަމްކުރެވޭ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ މީގެ ކުރިން އެފްރިކާގެ ޓީމުތައް ފެނިފައިވަނީ އަމާޒެއް ނެތި މަޖަލަށް ފުޓްބޯޅަ ކުޅޭ ބައެއްގެ ގޮތުގައި ކަމަށާ މޮރޮކޯއިން ބޭނުންވަނީ މި ވިސްނުން ބަދަލުކުރަން ކަމަށެވެ. ވަލީދު ބުނީ އޭނާގެ ޓީމު އޮތީ ސެމީއަށް ގޮސްގެން ފަރު ޖައްސާލާ ގޮތަށް ނޫން ކަމަށާ ބޭނުންވަނީ މުބާރާތުގެ އެންމެ ކުރިއަށް ގޮސް އެފްރިކާގެ ފުޓްބޯޅަ އާ އުސްމިންތަކަކަށް ގެންދަން ކަމަށެވެ.
އާއެކެވެ. މޮރޮކޯއިން ކުޅެނީ ޑިފެންސިވް ކުޅުމެކެވެ. އެހެން ނަމަވެސް 2006 ވަނަ އަހަރު ވޯލްޑްކަޕް ހޯދި އަދި މިއަހަރު ވޯލްޑްކަޕް އަށް ކުއަލިފައި ނުވި އިޓަލީ ވެސް ދެއްކި މިފަދަ ޑިފެންސިވް ކުޅުމެކެވެ. 2008 ވަނަ އަހަރު ގްރީސްއިން ޔޫރޯ ހޯދީ ވެސް މިފަދަ ކުޅުމެއް ދައްކައިގެންނެވެ. އެހެން ކަމުން އެފްރިކާގެ ޓީމަކުން މިގޮތަށް ނުކުޅެވެންވީ ސަބަބެއް ނެތެވެ.