ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލްގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ، ޓީޗަރުން މިއަދު ސްކޫލްގައި އިހްތިޖާޖުކޮށްފިއެވެ.

ހެނދުނު ދަންފަޅީގެ ކިޔެވުން ނިމުނު ވަގުތު ކުރިއަށް ދިޔަ އިހްތިޖާޖުގައި ޓީޗަރުން ބައިވެރިވީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

އެގޮތުން، ބެލެނިވެރިން އެ ސްކޫލަށް ހަދިޔާކުރި ޓީވީތަކުގެ ތެރެއިން ބައެއް ޓީވީތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމާއި، ކިޔަވައިދެމުން ދިޔަ ވަގުތު ކްލާސްރޫމްގެ ތެރެއަށް ފަންކާ ވެއްޓި އެކަމުގެ ސަބަބުން ދަރިވަރުން ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުން ފަދަ ޝުއޫރުތައް ޓީޗަރުން ފާޅުކޮށްފައިވެއެވެ.

ގާޒީ ސްކޫލްގެ ޓީޗަރަކު ފާޅުކޮށްފައިވާ ޝުއޫރެއް ---

އަދި ބައެއް ކްލާސްރޫމްތައް ކޮތަރު ގުޔާއި ނަޖިހުން ފުރިފައިވާ ކަމަށް ބުނެ، ކްލާސްރޫމްތަކުގެ ސާފުތާހިރުކަމަށް ޒިންމާވާނީ ކޮން ބައެއްތޯ ވެސް ބައެއް ޓީޗަރުން ސުވާލު އުފައްދާފައިވެއެވެ.

ހަމަ އެއާއެކު، އެ ސްކޫލްގެ ކުރީގެ އެޑްމިނިސްޓްރޭޓަރު ކޮރަޕްޝަންގެ އަމަލުތައް ހިންގިއިރު، އެޑިއުކޭޝަން މިނިސްޓްރީން އެކަމާ މެދު ފިޔަވަޅު ނާޅާ ކަމަށާއި، އޭގެ ބަދަލުގައި އޭނާ އަށް މިނިސްޓްރީގެ ބޮޑު ވަޒީފާއެއް ދިން ކަމަށް ވެސް ބައެއް ޓީޗަރުންގެ ޕޯސްޓަރުތަކުގައި ޖަހާފައިވެއެވެ.

ޓީޗަރުން ތުހުމަތުކުރާ ގޮތުގައި، އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި އޭނާ ހުރި އިރު މެޑިކަލް ސެޓްފިކެޓުތައް ފޯޖުކޮށް، ސްކޫލްގެ ސާވާ ހެކުކޮށް ގިނަ ކަންކަން ހިންގާފައިވެއެވެ.

މީގެ ކުރިން ވެސް ގާޒީ ސްކޫލްގެ ބައެއް މައްސަލަތައް ސޯޝަލް މީޑިއާގައި ފެންމަތިކޮށްފައިވެއެވެ. އެގޮތުން، އެ ސްކޫލްގެ ޕީޓީއޭ އިން އިސްނަގައިގެން ހިންގި ނައިޓް މާކެޓުގެ ފައިސާ ސްކޫލްގެ ބަޖެޓަށް ވަދެފައި ނުވުމާއި، އެ ސްކޫލްގެ އައިޓީ ސާމާނު ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާ ކަމާއި، ޑެޕިއުޓީ ޕްރިންސިލޕަލް އައިމިނަތު ރިޔާޒާ އަމިއްލަ ގަވައިދުތަކެއް ހައްދަވައި މުވައްޒަފުންނަށް މަސައްކަތުގެ ބިރު ދައްކަމުންދާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދާލަން މަސައްކަތްކުރުމުން ލިބޭގޮތް ވަނީ ނުވެފައެވެ.