ގަތަރުގައި ހިނގަމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށް މިރޭ ގިނަ ބަޔަކު އިންތިޒާރު ކުރާ އިރު ފުޓްބޯޅަ ފޯރި ގަދަ ކުރުމަށް މިރޭ މެޗުގެ ކުރިން އާޓިފިޝަލް ބީޗުގައި ހަބޭސް ބޮޑު ބެރު ގްރޫޕްގެ ޝޯވްއެއް ބާއްވަން ނިންމައިފިއެވެ.

އުރީދޫން ބުނީ، މިރޭ މިއުޒިކް ޝޯ އޮންނާނީ 10:00 ގައި އާޓިފިޝަލް ބީޗުގައި ހުންނަ އުރީދޫ ފޭން ޒޯންގައި ކަމަށެވެ. މި ޝޯ ބާއްވަނީ މިރޭ ބައްދަލު ކުރާ އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލު ކުރާ މެޗުގެ ފޯރި ގަދަ ކުރުމަށް ކަމަށް ވެސް އުރީދޫން ބުނެއެވެ.

އާޖެންޓީނާގެ މެޗުތަކުގައި އާއްމުކޮށް އުރީދޫ ފޭން ޒޯންތަކުގައި ފޯރި ވަރަށް ގަދަވެއެވެ.

މި ވޯލްޑް ކަޕްގައި ފުރަތަމަ ސެމީ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިރޭ ދަންވަރު 12:00 ގައެވެ.

މިރޭގެ މެޗުގައި ވާދަ ކުރާ ދެ ޓީމަކީ އާޖެންޓީނާ އަދި ކްރޮއޭޝިއާއެވެ. ރާއްޖެއަކީ ފުޓްބޯޅައަށް ސަޕޯޓްކުރާ ގިނަ ބަޔަކު ތިބި ގައުމަކަށް ވާއިރު، ދިވެހިންގެ ތެރޭގައި އެންމެ މަގްބޫލު ޓީމްތަކުގެ ތެރޭގައި އާޖެންޓީނާ ހިމެނެވެ.