މިދިޔަ ނުވެމްބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 4.6 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވަނީ 4 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 15 ޕަސެންޓުގެ އިތުރުވުމެކެވެ.
ނުވެމްބަރު މަހުގެ ތެރޭގައި ރާއްޖޭން ބޭރުކުރި މުދާ ދަށްވި ނަމަވެސް އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައިވެއެވެ.
އެގޮތުން މިދިޔަ މަހު ރާއްޖޭން ބޭރުކުރި މުދަލުގެ އަގު 168 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭން ބޭރުކޮށްފައިވަނީ 176 މިލިއަން ރުފިޔާގެ މުދަލެވެ. އަދި ދައުލަތަށް އާމްދަނީގެ ގޮތުގައި މިދިޔަ މަހު 359 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 322 މިލިއަން ރުފިޔާއެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ގައުމުތަކުގެ ތެރޭގައި އޮމާނުން 761 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން އެތެރެކޮށްފައި ވަނީ 760 މިލިއަން ރުފިޔާގެ މުދަލެވެ. ޗައިނާއިން ވަނީ 420 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އަދި ޔޫއޭއީއިން އެތެރެކުރީ 594 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. ދެން ޖަރުމަނު، އިނގިރޭސިވިލާތާއި އިންޑިއާ އަދި ފްރާންސްއަށެވެ.