އުމުރުން 22 އހަރުގެ މާޝާ އަމީނީގެ މަރާ ގުޅިގެން އީރާނުގައި ހިގަމުން ދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ހައްޔަރު މީހުންގެ ތެރެއިން މަރަން ހުކުމް ކުރި ދެވަނަ މީހާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފިއެވެ.

މަޖިދްރިޒާ ރަހްނަވާދު ނަމަކަށް ކިޔާ ޒުވާނާ މަރާލާފައި ވަނީ މަޝްހަދް ގައި އާންމުންނަށް ފެންނާނެހެން ދަންޖައްސައެވެ.

އޭނާއަށް މަރުގެ ހުކުމް އިއްވީ، މުޒާހަރާތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރި ވި ބަސީޖް ރެސިސްޓެންސް ފޯސްގެ 2 މެންބަރެއްގެ ގަޔަށް ވަޅި ހަރާ މަރާލިކަމަށް ސާބިތު ކޮށްފައެވެ. އަދި އެއީ، ހެއްދެވި ފަރާތާ ދެކޮޅުވުން ކަމުގައި ކަނޑައަޅާ ކަމަށް ހުކުމްގައި ވެއެވެ.

އިންސާނީ ހައްގުތަކަށް ވަކާލލާތު ކުރާ ޖަމާއަތްތަކުން އީރާނުގެ މި އަމަލު ކުށްވެރި ކުރަމުން ބުނީ، މުޒާހަރާ އިން ހައްޔަރު ކުރި މީހުންނަށް މަރުގެ އަދަބު ކަނޑައެޅީ ހާމަކަން ބޮޑުކޮށް ހިންގި ޝަރުއީ މަރުހަލާތަކެއްގައި ނޫން ކަމަށެވެ. އަދި އިންސާފުވެރި ޝަރީއަތެއްވެސް ހިންގާފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ޖަމާއަތުން އިތުރަށް ބުނީ، މުޒާހަރާއިން އެތައްހާސް ބަޔަކު ހައްޔަރު ކޮށްފައި ވާ ކަމަށާއި އެތައް ބަޔަކަށް މަރުގެ ހުކުމް އިއްވާފައި ވާ އިރު، ގިނަ ބަޔަކު މަރާލުމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.

މުޒާހަރާ ތަކާ ގުޅިގެން މަރުގެ ހުކުމް އިއްވާ އެންމެ ފުރަތަމަ މީހާ މަރާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އުމުރުން 23 އަހަރުގެ މުހުސިން ޝެކާރީގެ މައްޗަށް ވެސް ސާބިރު ކުރީ ހަމަ އެއް ދައުވާއެކެވެ.

އީރާނުގެ ޖުޑީޝަރީން ކޮންޓްރޯލް ކުރާ ނިއުސްއެޖެންސީ، މީޒާން އިން ބުނީ، މަޖިދްރިޒާ މަރާލާފައި ވަނީ މަޝްހަދްގެ އާންމުންގެ ކުރިމަތީގައި ކެރޭނަކަށް ނަގާ ދަންޖައްސައިގެން ކަމަށެވެ.

މިހާދިސާ އާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނީ އޭނާ ދަންޖައްސާކަން އާއިލާއަށްވެސް އަންގާފައި ނުވާ ކަމަށެވެ. އަދި މަރަށް ފަހު އާއިލާއަށް ގުޅާ، "ދަރިފުޅު މަރާލައި ބެހެސްތް އޭ ރިޒާ ގަބުރުސްތާނުގައި ހަށިގަނޑު ވަޅުލައިފި" ކަމަށް ބުނެފައި ވާ ކަމުގައި އިދިކޮޅު ހަރަކާތްތަކުގެ ހަބަރުތައް ފަތުރާ 1500ތަސްވީރު އެކައުންޓުން ބުނެއެވެ.