ތިލަމާލެ ބްރިޖް ޕްލެޓްފޯމު ވިލިމާލޭ ފަރަށް އެރި މައްސަލައިގައި އެ ބްރިޖު ހަދާ އިންޑިއާގެ ކުންފުނި ކަމަށްވާ އެފްކޮންސް 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ނިންމި ނިންމުން އެކުންފުނިން އިސްތިއުނާފުކޮށްފިއެވެ.

ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމުގައި ނަގިލި ކަހާލައިގެން ވިލިމާލެ ފަރަށް އެރީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ. 12 ދުވަސް ވަންދެން ފަރުމަތީ އެ ޕްލެޓްފޯމް އޮތްއިރު އެފްކޯންސްއިން އޭރު ބުނީ ޕްލެޓްފޯމް ނެގުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެ ކުންފުނި ޖޫރިމަނާކޮށްފައި ވަނީ 69,4 މިނިއަން ރުފިޔާ އިންނެވެ. އެފައިސާ ދައްކަން އެފްކޮންސް އަށް އެއް މަސް ދުވަހުގެ މުއްދަތެއް ދީފައި ވާ އިރު އެ މުއްދަތު މާދަމާނެއެވެ. ނަމަވެސް އެފްކޮންސް އިން ވަނީ އެމައްސަލަ މިހާރު އިސްތިއުނާފު ކޮށްފައެވެ.

އެފްކޮންސް ޖޫރިމަނާ ކުރަން ނިންމާފައި ވަނީ ފަރަށް ލިބުނު ގެއްލުން ބެލުމަށް އީޕީއޭ އިން ކުރިއަށް ގެންދިޔަ ދިރާސާ ބަލައިނުގަނެ އެ ކުންފުނިން އަމިއްލަ އަށް ދިރާސާއެއް ހަދަން ބޭނުންވާ ކަމަށް ބުނެފައި ވަނިކޮށެވެ.

އެފްކޮންސްއާ މެދު ފިޔަވަޅު އެޅުން ލަސްވެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުވެސް ކިޔާފައެވެ.

މިކަމުގައި އެފްކޮންސްއާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ތިމާވެށްޓަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ ވަކި ކުންފުންޏަކަށް ބެލުމެއް ނެތި މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހަދާނެއެވެ.

ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބުރިޖެޖެވެ. ބްރިޖްގެ އުމުރަކީ 120 އަހަރު ކަމަށް އެފްކޯންސް ކުންފުނިން ވަނީ ބުނެފައެވެ.

މިމަޝްރޫއުގެ ދަށުން އަޅާ ފުރަތަމަ ބްރިޖުގެ ކަނޑަށް ޖަހާ ޓެސްޓް ތަނބު ޖަހާފައެވެ.