އައްޑޫ ހިތަދޫގެ މަގެއްގައި ކޮންނަމުން ދިޔަ ވަޅުގަނޑެއްގެ ތެރޭގައި ވަޅުލެވުނު ދެ މީހުންގެ ހާލު ރަނގަޅުކަމަށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބުނެފިއެވެ.

ހޮޅިއެއް ވަޅުލުމުގެ މަސައްކަތެއް އިއްޔެ ކުރަނިކޮށް ދެ މީހަކު ވަނީ ވަޅުލެވިފައެވެ. އެކަކަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވާއިރު، ދެވަނަ މީހާ އަށް މާ ބޮޑު އަނިޔާ އެއް ނުލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގާފައި ވަނީ ނަރުދަމާ އެޅުމަށް ކޮންނަމުން ދިޔަ ވަޅުގަނޑުގެ އެއްފަޅި ގިރައިގެން ގޮސް، ކޮންނަން ތިބި މީހުން ތާށިވެގެންނެވެ. އެ ހާދިސާގައި ސީރިޔަސް އަނިޔާތަކެއްވި މީހާ ސަލާމަތްކޮށްފައި ވަނީ ހައިމާކެއް ބޭނުން ކޮށްގެންނެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަކީ ވެސް ފެނަކައިގެ މުވައްޒަފުންނެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ސާފީ މުހައްމަދު "ދަ ޕްރެސް" އަށް ވިދާޅުވީ، ވަޅުލެވުނު ދެ މީހުން އެ ހޮސްޕިޓަލަށް ގެނެސްފައިވަނީ އިއްޔެ ހަވީރު 5:00 ހާއިރު ކަމަށެވެ.

ދެ މީހުންގެ ތެރެއިން ސީރިޔަސް އަނިޔާތަކެއް ލިބުނު މީހާގެ މޭކަށިގަނޑު ބިންދައިގެން ގޮސް ފުއްޕާމެއަށް ވަނީ ލޭ އެޅިފައެވެ. އޭނާ އަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި، ހާލު ރަނގަޅު ކަމަށް ސާފީ ވިދާޅުވިއެވެ. އަދި ދެވަނަ މީހާ ވޯޑުގައި އެޑްމިޓްކޮށް ފަރުވާ ދީފައިވާ ކަމަށާއި، މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބުނެވެ.