މި އަހަރަކީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް އެންމެ ގިނައިން މަސް ގަތް އަހަރު ކަމަށާއި، އަދި އެ ކުންފުނިން މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޭނެ އަހަރު ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގދ. ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރަކީ ދިވެހި މަސްވެރިކަމުގެ ތާރީހުގައި ފާހަގަކޮށްލެވޭ އަހަރަކަށް ވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި:
- މި އަހަރު މިދިޔަ ހަފްތާގެ ނިޔަލަށް މިފްކޯ އިން 59 ހާސް މެޓްރިކް ޓަނުގެ މަސް ގަނެފައިވޭ
- މަސްވެރިންނަށް އެންމެ ގިނައިން މިފްކޯ އިން ފައިސާ ދޭނެ އަހަރަކީ މި އަހަރު
- މިދިޔަ ބުރާސްފަތީގެ ނިޔަލަށް މަސްވެރިންނަށް 965 މިލިއަން ދެވިފައިވޭ، މި އަހަރު ނިމޭއިރު އެ އަދަދު އެއް ބިލިއަން ރުފިޔާ ފަހަނަހަޅައިދާނެ
ރާއްޖޭގެ މަސްވެރިކަމަށް ބަލާއިރު، މަސްވެރިކަމުގެ ސިނާއަތް ހަލުވި ދުވެއްޔެއްގައި ދުވަހުން ދުވަހަށް ކުރިއަރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މަސްވެރިކަން ކުރިއަރައި ދަނީ މަސްވެރިން ކުރާ ބޮޑެތި އިންވެސްޓްމެންޓްތަކުގެ ސަބަބުންނެވެ.
"...މަސްވެރިންގެ މިންނެތް މަސައްކަތާއި، މަސްވެރި އާއިލާތަކުގެ ގަދަފަދަ ހިތްވަރުގެ ނަތީޖާ. މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީ އަށް މި ވޭތުވެދިޔަ ސަރުކާރުތަކުންވެސް ކުރިއަށް ފިޔަވަޅެއް އަޅާއިރު، މަސްވެރިން ތިބެނީ ތިން ހަތަރު ފިޔަވަޅު ކުރިއަށް އަޅައިގެން." ރައީސް ވިދާޅުވިއެވެ.
"ދެން ވިސްނަވާ ތިޔަ ބޭފުޅުން، މަސްވެރިންގެ ގަދަފަދަ ހިތްވަރާއި ފަންވަރު. މިއާ އަޅުގަނޑުމެން (ސަރުކާރުން) ފައިހަމަކުރަން މި ޖެހެނީ."
ރައީސް ސިފަކުރެއްވީ މިއަދު މަސްވެރިން މަސްބާނަން ބޭނުންކުރާ އޮޑިފަހަރަކީ "ކަނޑު ކަފަމުން ދުވާ މަސް ކާރުހާނާތަކެއް"ގެ ގޮތުގައެވެ. މިއަދު އެއްފަހަރާ 80 ޓަނުގެ މަސް ރައްކާކުރެވޭ އޮޑިފަހަރު މިހާރު ރާއްޖޭގައި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.