ފޮޓޯ ލީކުކޮށްލާނެ ކަމަށް ބުނެ އަންހެނަކު ރޭޕްކުރި މައްސަލާގައި ތުހުމަތު ވި މީހާ 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އޮކްޓޯބަރު 4، 2019 ގެ ރޭގަނޑު 11 ޖަހާ ހާއިރު ށ.މިލަންދޫ / ބްލޫހައުސް، ޔޫސުފް ހުސާމް އެހެން މީހެއްގެ ފޮޓޯތަކެއް ފޭސްބުކަށް ލާނެކަމަށްބުނެ ރޭޕްކޮށްފައި ވާތީ ޖިންސީ ކުށުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ދައުވާކުރި ބިރުދެއްކުމުގެ ކުށުގެ ދައުވާއާއި އެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ރޭޕުކުރުމުގެ ކުށުގެ ދައުވާ އުފުލި ކަމަށެވެ.

އެ ދެ ދައުވާއަށް ހުސާމް އިންކާރުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުގައި 5 އަހަރަށް އަދި ރޭޕްކުރުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުގައި ހުސާމް 15 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

އެހެންނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތް އުނިކުރުމަށްފަހު ބިރުދެއްކުމުގެ ކުށުގެ ދައުވާގެ ހުކުމުގެ ގޮތުގައި ދެން ޖަލުގައި ހުސާމް ތަންފީޒުކުރަން ޖެހޭނީ 1 އަހަރާއި 9 މަހާއި 24 ދުވަހެވެ. އަދި ރޭޕުކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި ދެން ތަންފީޒުކުރަން ޖެހޭނީ 11 އަހަރާއި 9 މަހާއި 24 ދުވަހެވެ.