ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އޭނާގެ ފިރިމީހާ ފައިސަލް އަލީގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، ފައިސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާއި ތަނެއްގައި ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ މެންދުރު 12:30 ހާއިރެވެ.

ނިޝާމާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަރުވި ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތި ލިބިފައިވާ ގޮތުގައި ނިޝާމާ މަރުވުމުން ފައިސަލް ފުރައިގެން ދިޔައީ ކުޅުދުއްފުއްޓަށެވެ.