ރޭޕުކުރި ކުށް ސާބިތުވެ ދިވެހި ފިރިހެނަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހުކުމް ކޮށްފައިވަނީ ށ.މިލަންދޫ / ބްލޫހައުސް، ޔޫސުފް ހުސާމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުުކުމްގައި ބުނީ، އޮކްޓޯބަރު 04، 2019 ވަނަ ދުވަހުގެ 23:00 ހާއިރު ހުސާމު އަންހެނަކު ރޭޕްކޮށްފައި ވާތީ، ދައުލަތުން އޭނާގެ މައްޗަށް ރޭޕު ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ.

އޭނާ އެދައުވާއަށް އިންކާރުކުރި ނަމަވެސް އެ ދައުވާގައި ބަޔާންކޮށްފައިވާ ވާގިއާ އެގޮތުގައި ހިނގާފައިވާކަމަށް އިގުތިނާޢުވެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމަށް އެހުކުމުގައި ވެއެވެ.

އެހެން ކަމުން ހުސާމުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރޭޕްކުރުމުގެ ކުށުގެ ދައުވާ، ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ހުސާމު 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވާއިރު އޭނާ މި މައްސަލައިގެ ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި ތިން އަހަރާއި ދެ މަހާއި ހަ ދުވަސް އޭނާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމުން، ތަންފީޒު ކުރަންޖެހޭ އަދަބަކީ 11 އަހަރާއި ނުވަ މަހާއި 24 ދުވަސް ކަމަށް އެހުކުމުގައި ވެއެވެ.