ފ. ނިލަންދޫ އާސާރީ މިސްކިތުގައި ހުރި މަހާނަތަކަށް ގެއްލުންދިން މައްސަލަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ފުލުހަށް ހުށަހަޅައިފިއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ނިލަންދޫ އާސާރީ މިސްކިތުގައި ހުރި މަހާނަ ގާތަކަށް ގެއްލުންދީފައިވާ ފޮޓޯތަކެއް އާންމުވެފައެވެ.

މިގޮތުން އާންމުވި ފޮޓޯޯތަކުން ފެންނަ ގޮތުގައި އެ މަހާނަ ގާތަކުގެ ތެރެއިން ގިނަ ގާތަކެއް ވަނީ ބިންދައި ހަލާކުކޮށްލާފައެވެ.

އެކަމާ ގުޅޭގޮތުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ، އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ފަރާތުން ވެސް އެ ފުލުހަށް މި މައްސަލަ ހުށަހަޅާފައިވާ ކަމަށް އެމަރުކަޒުން ބުނެއެވެ.

ސަގާފީ ތަރިކައަށް ގެއްލުންދިނުމާއި އިހުމާލުވުމަކީ މިހާރު ޖިނާއީ ކުށެކެވެ. އެކަމުގެ އަދަބެއްގެ ގޮތުން 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން އެ ކުށަކަށް ގާނޫނުލްއުގޫބާތުގެ ދަށުން އަދަބެއް ކަނޑައަޅާ ނަމަ، އެ މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިލަންދޫ އާސާރީ މިސްކިތަކީ މީގެ 800 އަހަރު ކުރިން ހިރިގަލުން ބިނާކުރެވުނު މިސްކިތެކެވެ.