މިދިޔަ ނުވެމްބަރު މަހު ފެމިލީ ކޯޓުން 170 ކައިވެންޏެއް ކޮށްދީފައިވާއިރު ވަރީގެ 119 މައްސަލައެއް ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 150 ވަރީގެ މައްސަލައެއް ހުށަހަޅާފައި ވާއިރު ވަރިވުމަށް 61 މައްސަލަ އަދި ވަރި ކުރުމަށް 26 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ވަރި ސާބިތުކުރުމަށް 70 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރިކުރުމަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 27 މައްސަލަ ނިމުނު އިރު 19 މައްސަލައެއް އަދި ނުނިމެއެވެ. ވަރިވުމަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 52 މައްސަލަ ނިމުނުއިރު ކުރީ މަހުގެ ބާކީއާއެކު 84 މައްސަލަ އަދި ނުނިމެއެވެ.

ހަމައެހެންމެ ވަރި ސާބިތުކުރުމަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 71 ނިމިފައިވާއިރު މި ބާވަތުގެ 33 މައްސަލަ އަދި ނުނިމޭ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންނާ ކުޅޭ 15 މައްސަލައެއް މިދިޔަ މަހު ނިންމި އިރު އޭގެ ތެރޭގައި ހަޟާނަތުގެ 4 މައްސަލަ އަދި ކުދިންގެ ހައްގުތައް ރައްކާތެރިކުރމުގެ އަމުރުގެ 3 މައްސަލަ ހިމެނެއެވެ.

ހަރަދުގެ މައްސަލަތަކަށް ބަލާއިރު މިބާވަތުގެ 12 މައްސަލައެއް ވަނީ މިދިޔަ މަހު ނިންމާފައެވެ. އަދި އާއިލީ އެހެނިހެން މައްސަލަތަކުގެ 28 މައްސަލައެއް މިދިޔަ މަހު ނިންމާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.