މިދިޔަ އަހަރު ފިތުރު އީދު ފާހަގަކުރަން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގައި މީހެއްގެ އުފެއްދުމެއް ހުއްދަ ނުހޯދާ ބޭނުންކުރިކަން ސާބިތުވެ، އެ މީހާ އަށް 40 ހާސް ރުފިޔާ ދައްކަން ޖެހިއްޖެއެވެ.

ޓީއެމްއޭ އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ދިވެއްސެއް ކަމުގައި ވާ މުހައްމަދު ފަރުހާން ބުނީ، އެ ކުންފުނީގެ އިންސްޓަގްރާމާއި ފޭސްބުކް ޕޭޖުން ކުރި ޕޯސްޓުތަކުގައި އޭނާގެ ޑިޒައިން ބޭނުންކުރީ ހުއްދަ ނުހޯދާ ކަމަށެވެ.

ފަރުހާންގެ ޑިޒައިން ޓީއެމްއޭ އާ ހިއްސާކުރީ އެ ކުންފުނިން އޭރު ހުޅުވާލި ކްރިއޭޓިވް ޑިޒައިނަރެއްގެ ވަޒީފާ އަށް ހޮވުމުގައި ފެންވަރު ބެލުމުގެ ގޮތުން ޓީއެމްއޭއިން ޑިޒައިން ހިއްސާކުރަން އެދުމުންނެވެ. ޓީއެމްއޭއިން ފަރުހާންގެ ޑިޒައިން ބޭނުންކުރީ އޭނާ އަށް ވަޒީފާ ނުލިބޭކަން އެންގުމަށް ފަހުގައެވެ.

އެހެންކަމުން ފަރުހާން ވަނީ އޭނާގެ އުފެއްދުމެއް ބޭނުންކުރުމުގައި ޓީއެމްއޭ އިން އޭނާގެ ހައްގުތަކަށް އަރައިގެންފައިވާތީ އެކަމުގެ ބަދަލާއި ހަރަދު ހޯދައިދިނުމަށް ކޯޓުގައި އެދިފައެވެ.

އެކަމަކު ޓީއެމްއޭއިން އެކަންކަމަށް އިންކާރުކުރެއެވެ. އެ ކުންފުނީގެ ފަރާތުން ބުނީ އެއީ ވަޒީފާ އަށް ނެގުމުގެ ތެރެއިން ބްރޭންޑިން ގައިޑްލައިނާ އެއްގޮތަށް އެ ކުންފުނީގެ ބޭނުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ކަމަށާއި، ފަރުހާންގެ ޑިޒައިންގައި އެ ކުންފުނީގެ އުފެއްދުންތައް ކަމަށްވާ ސީޕްލޭނާއި ކުލަތަކާއި ލޯގޯ ބޭނުންކޮށްފައިވާ ކަމަށެވެ.

އެހެންވެ ޓީއެމްއޭ އިން އެދުނީ ފަރުހާންގެ ޑިޒައިނަކީ އެ ކުންފުނީގެ ކޮންޓެންޓެއް ކަމަށާއި، ބަދަލު ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ނަމަވެސް ސިވިލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ މަރިޔަމް ވަހީދު ކުރެއްވި ހުކުމްގައި ޓީއެމްއޭ އިން ފަރުހާންގެ ހައްގަށް އަރައިގެންފައިވާ ކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފަރުހާންގެ ޑިޒައިންގައި ބޭނުންކޮށްފައިވާ ސީޕްލޭނާއި ޓީއެމްއޭގެ ސީޕްލޭންގެ ފަރުމާ ތަފާތު ކަމާއި، ޓީއެމްއޭގެ ލޯގޯ އާއި ކުލަތައް ފިޔަވައި އެ ޑިޒައިންގައި ހުރީ ފަރުހާންގެ އަމިއްލަ މަސައްކަތްކަން ގާޒީ ފާހަގަކުރެއްވިއެވެ.

ފަރުހާން ސިވިލް ކޯޓުގައި އެދުނީ ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ބަދަލެއް ޓީއެމްއޭއިން ނަގައިދިނުމަށެވެ. ނަމަވެސް ކޯޓުން ބަދަލުގެ ގޮތުގައި ނަގައިދިނީ އެދުނު ކަންކަމުގެ ތެރެއިން ޑިޒައިން އުފެއްދުމުގެ އަގާއި ވަކީލު ފީއެވެ.