މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް ދަށްވުމުގެ ސަބަބުން، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރަ ވަގުތީގޮތުން ކުޑަކުރަން އެ ކުންފުނިން ނިންމައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ޓީއެމްއޭގެ މުވައްޒަފުންނަށް މި މަހުގެ 28 ވަނަ ދުވަހު، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ފައުޒީ ސޮއިކުރައްވައި ފޮނުއްވި ހާއްސަ ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުން، މުސާރައިގެ އޮނިގަނޑަށް ގެނެވޭ މި ބަދަލަށް އަމަލުކުރަން ފަށާނީ މެއި މަހުން ފެށިގެންނެވެ. އެ ބަދަލު ގެންނާނީ ތިން މަސްދުވަހުގެ މުއްދަތަކަށް ކަމަށާއި އެއީ ޖުލައި މަހުގެ ނިޔަލަށް ގެނެވޭ ބަދަލެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ. މިއީ ކުންފުނީގެ މާލީ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި މިވަގުތަށް ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއްކަން ކުންފުނީގެ މެނޭޖްމަންޓުން ވަނީ މުވައްޒަފުންނަށް އަންގާފައެވެ.

އެ ސިޓީގެ ކޮޕީއެއް ވަނީ 'ދަ ޕްރެސް' އަށް ލިބިފައެވެ.

މެދުއިރުމަތީގެ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމަކާ ކުރިމަތިލާން ޖެހިފައެވެ. އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، މެދުއިރުމަތިންނާއި އެ ސަރަހައްދު ހުރަސްކޮށް ރާއްޖެއަށް އަންނަ ގިނަ ފްލައިޓްތަކެއް ކެންސަލްވުމާ ގުޅިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިކަމުގެ ސީދާ އަސަރު ޓީއެމްއޭއަށް ކޮށްފައިވާއިރު، އެ ކުންފުނީގެ ސީޕްލޭންތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަދަދު ވަނީ އިންތިހާއަށް މަދުވެފައެވެ.

ފަސިންޖަރުންގެ އަދަދު ދަށްވުމުގެ ސަބަބުން ކުންފުނީގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް އައިސް، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާންޖެހިފައި ކަމަށާއި މެދުއިރުމަތީގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަގީންކަމެއް ނެތުމުން، ފަތުރުވެރިން އަންނަ މިންވަރު އަދިވެސް ހުރީ ވަރަށް ދަށްކޮށް ކަމަށް އެ ސީޓީގައި ފާހަގަކޮށްފައި ވެއެވެ. ކޮންމެ ދުވަހަކު ފްލައިޓްތައް ކެންސަލްވަމުންދާ ކަން ފާހަގަކޮށް އެކަމުގެ ސަބަބުން މުޅި ސިނާއަތަށް ވަނީ ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައި ކަމަށް ވެސް ބުނެފައި ވެއެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ފުރަތަމަ އެޅި ފިޔަވަޅަކީ ހަރަދުތައް ކުޑަކުރުން ކަމަށް ޓީއެމްއޭ އިން ބުނެފައި ވެއެވެ. އެގޮތުން، ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ހަރަދުތައް ފިޔަވައި އެހެނިހެން ހުރިހާ ހަރަދުތަކެއް ހިފަހައްޓާފައިވީ ނަމަވެސް، ފަސިންޖަރުންގެ އަދަދު ދަށްވަމުންދާ ދިއުން ހުއްޓުމަކަށް ނައިސް، ކޮންމެ ދުވަހަކު ކުންފުންޏަށް ލިބެމުންދާ ގެއްލުންތައް ހަމައެކަނި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން ފޫނުބެއްދޭނެ ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން، މުސާރައަށް ގެނެވޭ ވަގުތީ ބަދަލަކީ މުވައްޒަފުންގެ ވަޒީފާތައް ސަލާމަތް ކުރުމަށާއި، ކުންފުނީގެ ޓީމު ރޫޅުނަނުދީ ހިފެހެއްޓުމަށްޓަކައި ނިންމަން މަޖުބޫރުވި އުނދަގޫ ނިންމުމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މުސާރަ ކުޑަކުރުމުން މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާނެ ދަތިތައް އެނގޭ ކަމަށާއި، ނަމަވެސް މިއީ ކުންފުނި ސަލާމަތްކުރުމަށް މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ބުނެފައި ވެއެވެ. ޓީއެމްއޭ ބިނާވެފައިވަނީ މުވައްޒަފުންގެ ބުރަ މަސައްކަތާއި ހުނަރުވެރިކަމުގެ މައްޗަށްކަން ފާހަގަކުރައްވައި، 2025 ވަނަ އަހަރު ހުރި މިންވަރަށް ފަސިންޖަރުންގެ އަދަދުތައް އިއާދަވުމާއެކު، މުސާރަތައް ކުރިން ހުރި މިންވަރަށް އިއާދަކުރެވޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

ޓީއެމްއޭއަށް ކުރިމަތިވެފައިވާ މި ހާލަތަކީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތައް ކެންސަލްވަމުންދާއިރު، ބަދަލުގައި އެހެން މަންޒިލްތަކުން ރާއްޖެއަށް ފްލައިޓްތައް ބޭއްވޭނެ މަގުތައް ހޯދުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ބުނެފައި ވެއެވެ.