ގދ. މަޑަވެލި އަދި ގދ. ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ގދ. މަޑަވެއްޔާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން ބްރިޖް އެކްސަސް ރޯޑު ސާފުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސާވޭ ކުރުމުގެ މަސައްކަތްތައް ކަމަށެވެ.

މި ކޯޒްވޭން ގުޅާލެވެނީ ޖުމްލަ 4 ރަށެވެ. އެއީ ހޯޑެއްދުއާއި މަޑަވެއްޔާ ދޭތެރޭގައި އޮތް "ކަންނިގިލާ" އާއި، "ހާދޫ" ވެސް މި ކޯޒްވޭގައި ގުޅާލެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ދެރަށަކީ އިގްތިސޯދީ މަސައްކަތްތައް ކުރެވެން އޮތް ދެރަށަށް ވާތީ މި ކޯޒްވޭ ވެގެންދާނީ މަޑަވެއްޔަށް ވެސް އަދި ހޯނޑެއްދޫއަށް ވެސް ދިރުން ގެނުވާނެ ކޯޒްވޭ އެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި 285 ސްޕަން ޕައިލް ހަރުކުރުމާއި 4596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމާއި 1378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިން ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ކޯޒްވޭއަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުން ހިމެނޭއިރު ރެއިލިން އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަޝްރޫއަކީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.