ރާއްޖެއަކީ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެންގޯލާގެ ލުއާންޑާގައި މި މަހުގެ 6 އިން 9 އަށް ކުރިޔަށްދާ އޯއޭސީޕީއެސްގެ 10 ވަނަ ސަމިޓުގައި އެ ޖަމިއްޔާގެ މެންބަރު ހުރިހާ ގައުމަކުން ވެސް ވަނީ އެ ޖަމިއްޔާގެ ފުރިހަމަ މެންބަރު ގައުމަކަށް ރާއްޖެ ވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ތާއީދުކޮށްފައި ކަމަށެވެ. އަދި އެ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވަނީ ވަޑައިގަންނަވާފައެވެ.

އޯއޭސީޕީއެސްގެ ގެ ހުރިހާ މެންބަރު ގައުމުތަކުގެ ތާއީދު ލިބުމާއެކު އޯއޭސީޕީއެސްގެ މެންބަރު ގައުމުތަކުން އަދާކުރަން ޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ "ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓް" އަށް ރާއްޖެއިން އެއްބަސްވެފައިވާ އިރު އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރު ގައުމަކަށް ވުމަށް ރާއްޖެއިން ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ.

އަދި މާޗު 23، 2022 ގައި ވަނީ އޯއޭސީޕީއެސް ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައެވެ. މީގެ އިތުރުން މި އަހަރުގެ ޖޫން މަހު އެ ޖަމިއްޔާގެ "އޮބްޒާވާ ސްޓޭޓަސް" ރާއްޖެއަށް ވަނީ ދީފައެވެ.