ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެންގޯލާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، މިދަތުރުގައި ޝާހިދުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވެރިންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ މި ސަމިޓަކީ "ތިން ބައްރުގެ، ތިން ކަނޑުގެ، އެއް މަންޒިލަށް: އޯއޭސީޕީއެސް މިހާރަށް ވުރެ ދެމެހެެއްޓެނިވި، އަދި ވިލުންވެރިކަމާ ދިމާއަށް" މި ޝިއާރުގެ ދަށުން ބާއްވާ ސަމިޓެކެވެ.

މިސަމިޓުގައި ބައިވެރިވާ ގައުމުތަކުގެ އިސްވެރިން އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރަކަން ވުމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށައެޅުން ގަބޫލު ކޮށް، އެޖަމްއިއްޔާގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ދޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އެޖަމްއިއްޔާގެ އޮބްޒާވަރެއްގެ ހައިސިއްޔަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 27އިން 28އަށް ބޭއްވި އެޖަމުއިއްޔާގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގައި އެޖަމުޢިއްޔާގެ ހުރިހާ މެންބަރު ގައުމުތަކުން، އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށައެޅުމަށް ތާއީދުކުރާ ހާމަކޮށްފައި ވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދިވެހިރާއްޖެ މި ޖަމިއްއްޔާގެ މެންބަރު ގައުމަކަށްވުމުން ދިވެހިރާއްޖެއާއި އެފްރިކާ، ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުސަތު ފުޅާވުމާއި، ތަރައްގީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

އަދި އޯއޭސީޕީއެސް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ.

އެގޮތުން ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ދިވެހިރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.