މިމަހުގެ ތެރޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރާނެ ފަށާނެ ކަމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން ބުނެފިއެވެ.
އެންސީއައިޓީން ބުނީ، އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ޓެސްޓު ކުރުމުގެ މަރުހަލާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ޑިޖިޓަލް އައިޑީގެ އެންމެ މުހިންމު ބޭނުމަކީ ރައްކާތެރިކަމާ އެކީ އެ މީހެއްގެ ޒާތީ މައުލޫމާތު ބޭނުން ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
މިގޮތުން އަލަށް ބޭނުން ކުރުމަށް ތައްޔާރުވާ ޑިޖިޓަލް އައިޑެންޓިޓީ ކާޑްގައި ސެކިއުރިޓީ ގިނަ ފީޗާތަކެއް ހިމެނޭނެ ކަމަށާއި އަދި މި ކާޑް ތައާރަފު ކުރަނީ އަލަށް ތައާރަފުކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޑިޖިޓަލް އައިޑީން ކާޑާއި ލައިސަން ކާޑު ފަދަ މައުލޫމާތުތައް އެޕްލިކޭޝަނުގައި ހިމަނާނީ، އެކަމުގެ ޒިންމާވާ މުއައްސަސާތަކުން ކަމަށް ވެސް ޝަރީފު ފާހަގަ ކުރެއްވިއެވެ.
މި އެޕްލިކޭޝަނަށް އަމިއްލައަށް އެއްވެސް މައުލޫމާތެއް ނޭޅޭނެއެވެ. އަދި މިއިން އެއްވެސް މަޢުލޫމާތަކަށް އަމިއްލައަށް އެއްވެސް ބަދަލެއްވެސް ނުގެނެވޭނެއެވެ.
އެންސީއައިޓީން ބުނީ، ސަރުކާރުގެ މުއައްސަސާއެއްގައި ރަސްމީކޮށް ރަޖިސްޓްރީ ކުރާ ޒާތީ ހުރިހާ މައުލޫމާތުތައް މި އެޕްލިކޭޝަނުގައި ހިމެނޭނެ ކަމަށެވެ.
އެގޮތުން ކައިވެންޏާއި ދަރިންގެ މައުލޫމާތުތައް ވެސް އެ އެޕްލިކޭޝަނުގައި ހިމެނޭނެ ކަމަށް އެންސީއައިޓީން ބުނެއެވެ.
އެ ހިދުމަތް ތައާރަފުކުރުމުން ކޮންމެހެން އަތުގައި ފިޒިކަލް އައިޑީކާޑެއް އޮތުން މަޖުބޫރެއް ނުވާނެއެވެ. އަދި ޑިޖިޓަލް އައިޑީކާޑު ބޭނުން ކޮށްގެން ހުރިހާ ހިދުމަތެއް ހޯދޭނެއެވެ.
މީ ރަނގަޅު ކަމެއް.
ތީ މި ސަރުކާރުން 2023 ގައި ވޯޓު އޮޅުވާލަން ކުރާކަމެއް. ރައްޔިތުން. ގުނބޯ.ހެއްދޭނީ ވަކި ވަރަކަށް.